ވިޔަފާރި

އައިއާރުބީއެމް އާއެކު ވި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި


މެލޭޝިޔާގެ ޓެކްސް އިދާރާއާއި މީރާއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ މީހުން ބިނާ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ޓެކްސް އިދާރާގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި 2013 ވަނަ އަހަރު ސޮއިކޮށްފައިވާ އެމް.އޯ.ޔޫއެކެވެ.

މި.އެމް.އޯ.ޔޫގެ މުއްދަތު އިތުރުކޮށްފައިވަނީ މެލޭޝިޔާގައި މިހާރު ކުރިއަށްދާ އިސްލާމީ ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ތިން އަހަރުގެ މުއްދަތަށް އިތުރުކުރެވުނު މި އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަދި މެލޭޝިޔާގެ ޓެކްސް އިދާރާ އިންލަންޑް ރެވެނިޔު ބޯޑް އޮފް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ޗީފް އޮފް އެގްޒެކެޓިވް އޮފިސަރ ޑަޓުކް ސަބިން ސަމިތާއެވެ.

tw:https://twitter.com/MIRAmaldives/status/780358916936835072

މި އެމް.އޯ.ޔޫގެ ދަށުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މެލޭޝިޔާގެ ޓެކްސް އެކެޑަމީގައި ހިންގުނު 35 ތަމްރީނު ޕްރޮގްރާމެއްގައި މީރާގެ ފަސްދޮޅަހަށްވުރެ ގިނަ މުއައްޒަފުން ބައިވެރިވެފައިވާކަމަށް މީރާއިން ބުނެއެވެ.

މިއީ މެލޭޝިޔާގެ ޓެކްސް އެކަޑަމީން ޚަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމްތަކެއްކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.