ޚަބަރު

މޮޅު ކުޅުމެއްދައްކާނެ ކަމަށް އަމިއްލަ ސަޕޯޓަރުންވެސް ގަބޫލެއް ނުކުރޭ: ލަންކާ


  • ސްރީލަންކާއިން މުބާރާތާ ކުރިމަތިލީ ތިން ހަފްތާގެ ފަރިތަކުންތަކަށްފަހު

  • އެންމެ ބަލި ޓީމަކަށް ވާނީ ލަންކާކަމަށް ގިނަބަޔަކު ގަބޫލުކުރި

  • ކޯޗު ބުނީ ލަންކާ ރައްޔިތުންވެސް ފެންވަރާމެދު ސުވާލު އުފެއްދި ކަމަށް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާއިން ވަރުގަދަ ކުޅުމެއް ދައްކައިފިކަމަށާއި، މުބާރާތަށް އައިއިރު ޓީމާމެދު ލަންކާ ރައްޔިތުންގެ މާ ބޮޑު އިތުބާރެއް ނެތް ކަމަށް ލަންކާގެ ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗު އިމްރާން މުޙައްމަދު ބުނެފިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ފުރިހަމަ ވަގުތުވެ ކުޅުން ހަމަވިއިރު ސެމީގެ ޔަގީންކަން އޮތް ލަންކާއަށް އެ ފުރުސަތު ގެއްލުނީ އިތުރުވަގުތުގެ ކުޅުމުގެ ތެރެއިން އެންމެ ފަހު 3 މިނިޓްގެ ތެރޭގައި ބޫޓާނުން ލަނޑެއް ޖަހައި 0-1 އަށް މެޗުގެ ނަތީޖާ އަނބުރާލުމުންނެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އިމްރާން ބުނީ އެންމެ ފަހު ވަގުތު ލަންކާއަށް މިހެން ދިމާވިނަމަވެސް ކުޅުންތެރިން މި މުބާރާތުގައި ދެއްކީ ވަރުގަދަ އަޒުމަކާއި ހިތްވަރެއްކަމަށެވެ. އަދި މިއީ ހިތްދަތި ނަތީޖާއެއް ނަމަވެސް މި ނަތީޖާ ގަބޫލުކުރަންޖެހޭކަމަށެވެ.
ލަންކާއިން މުބާރާތަށް ނިކުތީ ޤަތަރުގެ އަލް މަންނާއީގެ ބެލުމުގެ ދަށުން ޕްލޭންތަކެއް ހަދައިގެން ކަމަށާއި، އެ ޕްލޭންތަކާއި އެއްގޮތަށް ކުޅެ ގަލޮޅު ދަނޑުގައި ލަންކާއިން ދެއްކި މޮޅު ކުޅުމަކީ އެއްވެސް ބަޔަކު އުންމީދު ކުރި ކަހަލަ ކުޅުމެއް ނޫން ކަމަށްވެސް ކޯޗު ބުންޏެވެ.

"މިފަހަރު އެއްވެސް ބަޔަކު، ސްރީލަންކާގެ ރައްޔިތުންގެ ގަބޫލެއް ނުކުރެ ލަންކާއަށް މިވަރުގެ ކުޅުމެއް ދެއްކިދާނެކަމަށް. އެކަމަކު މި ކުޅުންތެރިން ދައްކައިދީފި އެމީހުންނަށް ވާނެކަން" އިމްރާން ބުންޏެވެ.

ޕޮއިންޓް ތާވަލުގައި 3 ޕޮއިންޓާއެކު އޮތް ލަންކާއަށް ބޫޓާންގެ މައްޗަށް ކުރިހޯދޭގޮތް ނުވެ މުބާރާތުން ކެޓިނަމަވެސް ކުރިޔަށް ހުރި މުބާރާތްތަކަށް ޓީމު ވަރުގަދަ ކުރާނެ ކަމަށް ކޯޗު ބުންޏެވެ. އެގޮތުން ކުރިޔަށް ހުރި އޭއެފްސީ އޭޝިއަންކަޕް ކޮލިންފައިނަށް ފޯކަސް ބަހައްޓައިގެން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"ޤަތަރުގެ ކޯޗުގެ އެބަހުރި ޕްލޭންތަކެއް މި ޓީމު އެނބުރި ދިއުމަށްފަހު އޭއެފްސީ މެޗުތަކުގެ ކުރިން ގަތަރު ކޯޗުގެ ޕްލޭންތަކަށް މަސައްކަތް ކުރާނަށް" ލަންކާ ކޯޗު ބުންޏެވެ.