ޚަބަރު

ޝޫރާ ކައުންސިލްގެ ރައީސްގެ ދަތުރުފުޅު- މުހިންމު މަޝްވަރާތަކެއް


އުމާންގެ ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ. ރައްޔިތުން މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމާން ޝޫރާ ކައުންސިލުގެ ރައީސް މިއަދު ވަނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާވެސް ބައްދަލުލުރައްވާފައެވެ.

އުމާންގެ ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރެއްވުމަށް މަޖިލިސްކުރާގެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި، މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކާއި، މަޖިލީހިގެ ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ ބައެއް މެންބަރުންނެވެ. ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވަޑައިގެން ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14748877657093.jpg|ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވަޑައިގެން ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ- ފޮޓޯ: ނީޝާން މުޙައްމަދު، ޕީއެސްއެމް

ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސާއެކު ބޭއްވެވި، މިބައްދަލުކުރެއްވުމުގައި  ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުމުގެ މައްޗަށް ބައްލަވާ ލައްވަމުން މިގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ ވަނީ  މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒިޔާދުއާވެސް މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންވެސް އޮތީ މަޖިލިސްކުރާ ޖޭގައެވެ. މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ޚާއްޞަކޮށް، އިސްލާމީ ދާއިރާއިން، ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވާފައިވެއެވެ.   

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާ ގުޅޭގޮތުން، މިނިސްޓަރ ޒިޔާދު ވިދާޅުވީ، އުމާންގެ އިސްލާމިކު މިނިސްޓަރު ރާއްޖެވަޑައިގަތުން، ނުވަތަ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ އުމާންއަށް ވަޑައިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން، ރާއްޖޭގެ ވަޤުފުގެ ނިޒާމް ހަރުދަނާކުރެއްވުމަށް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވިކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14748878234531.jpg|އުމާންގެ ޝޫރާ ކައުންސިލްގެ ރައީސް(ކ)، އިސްލާމިކް މިިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު(ވ) - ފޮޓޯ: ނިޝާން މުޙައްމަދު، ޕީއެސްއެމް

މީގެ އިތުރުން ރާއްޖޭގައި ޢަރަބިބަސް ކުރިއެރުވުމަށް ޤުރުއާނާބެހޭ މަރުކަޒުގެ ތެރެއިން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށާއި، ރާއްޖޭގައި މިސްކިތް ބިނާކުރުމާ ބެހޭގޮތުންވެސް ވާހަކަ ދެއްކެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ކަންކަން އަމަލީގޮތުން ފެށިގެންދާނީ، ދެޤައުމުގެ މިނިސްޓަރުން ނުވަތަ ވަފްދެއްގެ މެދުގައި ރަސްމީ ވާހަކަތައް ދެކެވިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގައި ޝޫރާ ކައުންސިލުގެ ރައީސް އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށް މިނިސްޓަރ ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން، ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އުމާންގެ އެކިއެކި އިލްމީ މުއައްސަސާތަކުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަންނީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންކަމަށް އެޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސައީދު ވިދާޅުވިއެވެ.

އުމާންގެ ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ރާއްޖެއަށް ކުރައްމުން ގެންދަވާ މި ދަތުރުފުޅުގައި، މާދަމާ އިސްލާމީ މަރުކަޒަށާއި އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި އުމާނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަން ބުރާސްފަތި ދުވަހުއެވެ.