ޚަބަރު

މިއަހަރުގެ ޙައްޖާގުޅިގެން އެއްވެސް ޝަކުވާއެއް އަދި ނެތް


މިއަހަރުގެ ޙައްޖުގެ މަތިވެރިކަން އަދާކުރުމަށްފަހު ރާއްޖެއިން މައްކާއަށް ދިޔަ ހުރިހާ ދިވެހި ޙާޖީން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. މިއަހަރު ރާއްޖެއިން 2000 މީހުން ޙައްޖަށް ގޮސްފައިވޭ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިން މައްކާއަށް ދިޔައީ ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ޖަމާޢަތެއްކަމަށްވާ އަލްޙަރަމައިންނާއި، ޒަޢީމާ ގްރޫފާއި، މީނާ ގްރޫޕާއި ސިސިލްފަރު ގްރޫޕާއި އެކްރޯ ގްރޫޕްގެ ޙަވާލުގައެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1000 މީހުން ޙައްޖަށް ގެންގޮސްފައިވާއިރު ބަކީ ހުރި ޖަމާޢަތްތަކުންކުރެ ކޮންމެ ޖަމާޢަތެއްގެ ޙަވާލުގައި ޙައްޖަށް ގޮސްފައިވަނީ ގާތްގަނޑަކަށް 200 މީހުންނެވެ.

img:http://s4.psmnews.mv/images/660x400/14735751346119.jpg|ދިވެހި ޙައްޖާޖީން އަރަފާތު ބިމުގައި- ފޮޓޯ: މުޙައްމަދު އަފްސަލް، ޕީއެސްއެމް

މިއަހަރަ ރައްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިން މައްކާއަށް ދިޔުމަށް ރާއްޖެއިން ފުރަން ފަށާފައިވަނީ އޮގަސްޓްމަހުގެ 15 ވަނަދުވަހުއެވެ. ރާއްޖޭގެ ޙައްޖު މިޝަނެއް މައްކާގައި ޤާއިމުކުރެވި، ރާއްޖެއިން ޙައްޖަށް މީހުން ގޮވައިގެން ދިޔަ ކޮންމެ ފްލައިޓެއް ޖައްސައި، ޙައްޖުވެރިން ތިބި ހޮޓަލާ ހަމައަށް ޙައްޖުވެރިން ދަންދެން މިޝަންގެ ބޭފުޅުން ޙަރަކާތްރިވެވަޑައިގެންފައިވެއެވެ. އަދި ޙައްޖުވެރިން ޢަރަފާތާއި މުޒްދަލިފާއި އަދި މިނާއަށް ކުރި ދަތުރުތަކުގައިވެސް ޙައްޖު މިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެން ދިވެހި ޙާޖީންނަށް ދިމާވި ދަތިތައް ޙައްލުކޮށްދެއްވުމުގައި މަސައްކަތްކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖެއިން އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް ދިވެހި ޙައްޖުވެރިން ތިބި ހޮޓާތަކަށް ޒިޔާރަތްކުރައްވައި، ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ހައްދަވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/4934.jpg|ދިވެހި ޙައްޖާޖީން މައްކާގައި- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މިއަހަރު ޙައްޖަށްދިޔަ ދިވެހިންގެ ޙާލު ޢާއްމު ގޮތެއްގައި ރަނގަޅުއިރު، މައްކާއާއި މަދީނާގައި ޙައްޖުވެރިން ތިބުމާއި ކެއިން ބުއިމުގެ އިންތިޒާމްތައްވެސް ރަނގަޅުކަމަށް ހައްޖުވެރިން ބުނެއެވެ. ޙައްޖުވެރިންގެ ހަމައެކަނި ޝަކުވާއަކަށްވީ އެތަންތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ލިބުނު ބަސްތަކާއި ދަތުރުތައް މަތީ ދިމާވި ބައެއް ކަންކަމެވެ. ބައެއް ޙައްޖުވެރިން ގޮވައިގެން މައްކާއިން މަދީނާއަށް ކުރި ހަތަރުގަޑިއިރަށް ވުރެ ދިގު ދަތުރުގައި ބައެއް ޙައްޖުވެރިން ދަތުރުކުރި ބަސްތަކުގައި ރަނގަޅަށް އެއަރކޯން މަސައްކަތް ނުކުރުމުން ގަދަހޫނުގައި ހޭދަކޮށްފައިވެއެވެ. އަދި ބައެއް ބަސްތައް އެކި ފަހަރު މަތިން މަގުތަކަށް ހުއްޓި ހަތަރު ގަޑިއިރުގެ ދަތުރު ހަ ގަޑިއިރަށް ނޫނީ އަށްގަޑިރަށް ބަދަލުވެގެން ގޮސްފައިވެއެވެ. އެހެންނަމަވެސް ދިވެހި ހުރިހާ ހާޖީންވެސް ތިބީ އެ މީހުން ޙައްޖަށް ގެންދިޔަ ޖަމާއަތްތަކުން ފޯރުކޮށްދިން ޚިދްމަތްތަކަށް ހިތްހަމަޖެހި އުފަލުންނެވެ.

img:http://s3.psmnews.mv/images/660x400/14735261076265.jpg|ދިވެހި ޙައްޖާޖީން މިނާގައި- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހުރިހާ ޙައްޖުވެރިން މާލެ އައިސްފައިވާއިރު އެއްވެސް ޖަމާއަތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އެ މިނިސްޓްރީއަށް ހުށައަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް ޙައްޖު މިޝަންގެ ޓީމާ މިނިސްޓްރީން ބައްދަލުކުރައްވައި، ކަންކަން ހިނގާފައިވާ ގޮތް ބެއްލެވުމަށްފަހު އެއްވެސް ޖަމާޢަތަކުން ދޭން އެއްބަސްވި ޚިދުމަތެއް ނުދީ ވާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން 3 މީހަކު މައްކާގައި ނިޔާވެފައިވެއެވެ. އެއީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ ފިރިހެނަކާއި ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި ދިޔަ ފިރިހެނަކާއި  އެކްރޯ ގްރޫޕްގެ ޙަވާލުގައި ދިޔަ އަންހެނެކެވެ.

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުން 1.8 މިލިޔަން މީހުން މައްކާއަށް ޖަމާވެފައިވެއެވެ. މިއީ ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި އެންމެ މަދުން ޙައްޖަށް މީހުން ދިޔަ އަހަރުކަމަށް ސަޢޫދީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.