ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމަށް ތަމްރީނު ޕްރޮގްރާމެއް ތ. ވޭމަންޑޫގައި


ގެވެށި އަނިޔާ ހުއްޓުވުމަށް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމެއް ތ. ވޭމަންޑޫގައި ފަށްޓަވައިފިއެވެ.

ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުން އަތޮޅުތެރެއަށް އަމާޒުކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ސިލްސިލާކޮށް ހިންގަވާ މި ޕްރޮގްރާމްގައި ގެވެށި އަނިޔާގެ އަމަލެއް ހިނގާހިދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި، ގެވެށިއަނިޔާގެ މައްސަލަތައް ދެނެގަތުމަށް މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީނުކުރައްވާނެ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވެއެވެ.

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ދެއްވުމުގެ މަސަކަތްކުރާނެ ގޮތާ ގުޅޭގޮތުންވެސް ތަމްރީން ދެއްވާނެއެވެ. މި ޕްރޮގްރާމްގައި ގެވެށި އަނިޔާ ހިނގަން މެދުވެރިވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން މެދުވެރިވާ ނޭދެވޭ އަސަރުތައް، އަދި އެފަދަ އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިސްލާމީ ނަޒަރަކުންވެސް މަޢުލޫމާތު ދެއްވައެވެ. މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި ތަމްރީނު ޕްރޮގްރާމްގައި ވޭމަންޑޫގެ، ޞިއްޚީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނާއި، ފުލުހުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުން، ޓީޗަރުންވެސް ތަމްރީނު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އަތޮޅުތަކަށް އަމާޒު ކުރައްވައިގެން ގެވެށިއަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަވާ 6 ވަނަ ޕްރޮގްރާމެވެ.