"ރަތުރަނުގެ ފަންސަހަތްތަރި، އައުރުނުވިލޭ މި ފަހުރުން، ފުޓްބޯޅަ ދިވެހި ކުންނުން، ދަންމަރުގެ އަލި ފެތުރެމުން، ގައުމީ މި ރޫޙު ދިރެމުން، ތަނަވަސް ފިސާރި ޖޯޝުން" މިއީ ރާއްޖޭގެ ފުޓްބޯޅައިގެ 'އަލިމަސް އުފާ' ރަމްޒުކޮށްދޭ ދިވެހި ފުޓްބޯޅައިގެ ރަންޖީލަށް ޚާއްސަ ލަވައެވެ.
ޤައުމީ ފުޓްބޯޅަ ޓީމަށް އަދި ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ މި ލަވައިގައި ބުނާ ވާހަކަތަކަކީ މިހާރު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކުރަމުން އަންނަ 'ރަން ޖީލުގެ' ކުޅުންތެރިންނަށް ދޭ ތަރުހިބާއި ހިތްވަރުގެ ވާހަކަތައް ގަތާ އަމުނާލާފައިވާ ހިތްގައިމު ލަވައެކެވެ.
ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތާއި ދިމާކޮށް ފުޓްބޯޅަ އެސޯސިއޭޝަނުން އިއްވާލި މި ޚާއްސަ ލަވައިގައި ބުނެދޭ ވާހަކަތަކުން އިހުގެ ފުޓްބޯޅަ ފޯރިއާއި ޤައުމީ ޖޯޝުން އަލުން ލޭ ކައްކުވާލަދީފިއެވެ. އެހާރާއި މިހާރުގެ ފުޓުބޯޅައިގެ އުފާވެރި މަންޒަރުތައް ކުރަހާލަދޭ މިލަވައިން ބުނެދޭ ބައެއް ވާހަކަތަކުން ފުޓްބޯޅައަކީ ރާއްޖޭގެ 1 ވަނަ ނަންބަރު ކުޅިވަރުގެ ގޮތުގައި ދިވެހިން ބަލައިގަތް ދުވަސްތަކުގެ 'އަލިމަސް މާޒީ' ނުވަތަ ދިވެހި ފުޓްބޯޅައިގެ ރަން ޒަމާން ހަނދާނަށް ގެނުވައިފިއެވެ.
މި ހިތްގައިމު ލަވައިން ރާއްޖޭގެ ފުޓްބޯޅައަށް އައު ޖޯޝެއް ގެނެސްދެއެވެ. ޤައުމީ އެކުވެރިކަމާއި އެއްވަންތަކަން ދިރުވާދޭ މި ކުޅިވަރުގެ ބޮޑު މުބާރާތެއް ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ބޭއްވޭ މި މުނާސަބު ވަގުތުގައި ގަލޮޅު ދަނޑުގެ ފަޒާއިން އިއްވާލި މިރާގުން މިޅެމުން، ހަމަ ހަގީގަތުގައިވެސް ފުޓްބޯޅައި ލޯބި އިހުއޮތް ފޯރި ލޯމަތިން ސިފަވާކަހަލައެއް ނޫންތޯއެވެ.
"ފުޓުބޯޅަ ކުރިއަރައިގެން ދާގޮތް ހަދައި ޒުވާނުން، ހިތްވަރު މެކުހަށް ޖަހަން ގޮވާލައި، މި ލަވައިގައި ބުނަނީ ތަރުހީބުތައް ދެމުން ދުންމާރިޔަށް ފުމެ ހަދާނެ ކަމަށެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޒަމާނުގައި ދިވެހިންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރި އަދި ގަލޮޅު ދަނޑުން އިވެމުން ދިޔަ ބެރު ދުންމާރީގެ އަޑުތަކާއި މަންޒަރުތައް އަލުން އަޅުގަނޑުމެންގެ ލޯ ކުރިމަތިން ދެންމެ ދެންމެ ފެންނަކަހަލަ ގޮތަކަށް ސިފަކޮށްދޭ އިބާރާތްތަކެކެވެ.
މިއީ ރާއްޖެ ދުށް ފުޓްބޯޅައިގެ ރަން ތާރީޚުގައި ބައިނަލްއަޤުވާމީ މުބާރާތްތަކުން ހޯދި ވަނަތަކާއެކު ރާއްޖެ ފަޚުރުވެރިކޮށްދިން ފުޓުބޯޅަ ޓީމުތަކުގެ ހަނދާންތަކާއި އެ ހިތްވަރާއި ޖޯޝު މިހާރު މި އުފެދޭ ރަންޖީލަށް ވާސިލުކޮށްދޭ ބަސްތަކެކެވެ.
"ކުޅިވަރުސަމާގެ މޫސުން، އެކުވެރި ބަދަހި މި ގުޅުމުން، މުޅި ދީބުން އިހުގައި ނެގި ފޯރި" އަލުން ހަނދާނަށް ގެނެސްދޭ މިލަވައިން ބުނެދޭ އަނެއް ވާހަކައަކީ ދިވެހި ފުޓްބޯޅައިގެ 'އަލިމަސް ތާރީޙުގައި' ފަވާލި ގައުމީ ކުލަތަކާއި ގައުމީ ލޯތްބާއި އިހުގެ ފުޓްބޯޅައިގެ ފޯރީގެ ވާހަކައެވެ. އަދުގެ ޖީލަށް ގެއްލިފައިއޮތް ފޮރުވެމުން ދިޔަ ފުޓްބޯޅައިގެ ތާރީހީ އެތަން ހަނދާންތަކެއް އައުކޮށްދޭ މިލަވައަކީ، ދިވެހި ފުޓްބޯޅައިގެ ޚާއްސަ ލަވައެކެވެ.
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރިފައިވާއިރު، ފުޓްބޯޅަ އެސޯސިއޭޝަނުން މިއަހަރު ކުލަގަދަކޮށް މިކަން ފާހަގަކުރުމަށް ކުރާ މަސައްކަތަށް އިތުރުކޮށްލި މި ޅެން ފަރިއްސަކީ މިވަގުތު ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރަމުން އަންނަ ޒުވާން ޤައުމީ ޓީމަށްވެސް އިތުރު ހިތްވަރެކެވެ.
ކުޅިވަރުގެ މައިދާނުގައި ނޫކަށި ފުރައިގެ މި ހިތްވަރުގަދަ ޒުވާނުން ނެރޭ ނަތީޖާތައް އަބަދުވެސް ބިނާވަނީ ސަޕޯޓަރުންގެ ހިތްވަރާއި ގައުމީ އެއްބައިވަންތަކާއި އެކުވެރިކަމުގެ ތެރެއިން އެނަގާ ފޯރީގައިކަން ކުޅުންތެރިންނަށް ބުނެދޭ މިލަވައިން ބުނެދޭ އަނެއް ވާހަކައަކީ އަލުން ރާއްޖޭގެ ފުޓްބޯޅަ ދިރެމުން އަންނަ ވާހަކައެވެ.
"ރަން ޖީލެއްގެ ފެށުން" ތަސައްވަރު ކުރެވޭ ގޮތް ރީތި ތަސްވީރަކުން ކުރަހާލަދޭ މި ލަވައިން ބުނެދެނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ހުނަރުގެ ވާހަކައެވެ. މުސްތަގުބަލުގައި އުފެދޭ ސީނިއަރ ޓީމުގެ ފެންވަރު މަތިވަމުން އަންނަ މިންވަރެވެ. އަދި އެ ކުޅުންތެރިން އެ ކުރާ ހިތްވަރާއި ޤައުމަށްޓަކައި އެ ނެރޭ ބުންވަރުގެ ވާހަކައެވެ. ހިތްވަރު އެލުވައިނުލާ ބައިނަލްއަޤުވާމީ މުބާރާތަކުން އަލުން އަނބުރާ ރާއްޖެ އިހު އޮތް މަޤާމަށް ގެންގޮސްދިނުމުގައި އެ ޒުވާން ކުޅުންތެރިންނާއި، ދިވެހި ސަޕޯޓަރުންގެ ކުޅެދޭނެ ދައުރެވެ.
ބައިބައިވުމާއި ދެބަސްވުމާއި ދުރު "އަލިމަސް ހަޔާތުގައި" ދިވެހި މުޖުތަމައުގެ ވިންދަކީ ފުޓުބޯޅަކަމާއި، ބައިނަލްއަޤުވާމީ ދަނޑުތަކުގައި ވިދާލި ދިވެހި ކުޅުންތެރިން ކަރުގައި އަޅުވާލި ރަން މެޑަލްތަކާއި ރާއްޖެއަށް ހޯދަައިދިން ރަން ތަށިތަކުގެ ވާހަކަތައް އަނެއްކާވެސް މި ލަވައިން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދީފިއެވެ.
"ސާފުގެ މެޑަލް ހޯދަން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ކާމިޔާބު ހޯދަން ހުނަރުވެރި ޒުވާން ޤައުމީ ޓީމުން ކަނޑައަޅާފައިވާ އަޒުމު އިތުރަށް ވަރުގަދަކުރުމަށް ހިތްވަރުދޭ މި ލަވަ ތައްޔާރުކޮށްފައިވަނީ ރާއްޖޭގޭ މަޝްހޫރު ފަންނާނުންނެވެ. ދިވެހިންގެ ލެއާއި ވިންދާ ފުޓްބޯޅަ ގުޅިފައިވާ މިންވަރު ސިފަކޮށްދީ މާޒީގެ ފޮނި ހަނދާންތައް އައުކޮށްދިން މި ލަވައިން އަނެއްކާވެސް ދިވެހިން ފުޓްބޯޅައަށް ދޭ ލޯބި އާލާކޮށްދެއެވެ.
ފުޓްބޯޅައިގެ އަލިމަސްޔޫބީލާއި ގުޅޭ މި ޚާއްސަ ލަވައަކީ ޑިޓިއުން ބޭންޑުން ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިލަވައިގެ ޅެން ހަދާފައިވަނީ ޑިޓިއުން ބޭންޑާއި، އީސައެވެ. ލަވައިގެން މިކްސިން ހަދާފައިވަނީ ފަތުހުﷲ ޝަކީލް ހުސެއިންއެވެ. ލަވަކިޔާދީފައިވަނީ އީސަ، ފުޖީ، އާސިފް އަދި ފެޒޫއެވެ.