ޚަބަރު

ބޫޓާން މެޗުގައި ކުޅުންތެރިންނާއި ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާނެ: ޤައުމީ ކޯޗު


  • މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ޖެހިލުންވުން ފެނުނުކަމަށް ކޯޗު ބުނި

  • ކުރިއަށް އޮތް މެޗަށް ކަންކަން ރަނގަޅުކުރާނެކަމުގެ ޔަގީންކަން ކޯޗު ދިން

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން ބޫޓާނާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅޭ މެޗުގައި، ޓީމުގެ ފުރަތަމަ 11 އަށް ވެސް އަދި ޓީމު ކުޅޭ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނާނެކަމަށް ޤައުމީ ޓީމުގެ ކޯޗު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

މުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅެ ހައިރާންކުރަނިވި ގޮތަކަށް ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ކޯޗު އުރުބާނީ ވަނީ، މެޗުގައި ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނުކަން ފާހަގަކޮށްފައެވެ.

އެގޮތުން، މެޗުގައި ލަންކާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އެގްރެސިވް، ފިޒިކަލް ކުޅުމުގެ ސަބަބުން ދިވެހި ކުޅުންތެރިންގެ ފަރާތުން ޖެހިލުންވުން ފެނިގެންދިޔަ ކަމަށެވެ. ޙާއްސަކޮށް 50/50 ޑުއެލް ތަކުގައި ޑިފެންޑަރުންގެ ފަރާތުން ހާސްކަން ނުވަތަ ޖެހިލުންވުން ފެނިގެންދިޔަކަމަށް ކޯޗު އުރުބާނީ ބުންޏެވެ.

މެޗުގައި ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ވާހަކަ އެ ކުޅުންތެރިންނާ ޙިއްސާކޮށް، އެ ކަންކަން ރަނގަޅުކުރަން ހިތްވަރު ދޭނެކަމަށް ވެސް ޤައުމީ ކޯޗު ބުންޏެވެ.

ހަމަ މިއާއެކު، ބުދަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން، ޓީމުގެ ލައިނަޕަށް ވެސް އަދި ކުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނާނެކަމަށް ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މިސްޓޭކުތަކެއް ހެދުނީމަ އެ މިސްޓޭކުތައް ދެނެގަންނަން ފަސޭހަވާނެ. ދެން އޭގަ ބަލަންޖެހޭނީ އެ މިސްޓޭކުތައް ރަނގަޅުކުރެވޭނީ ކިހިނެއްތޯ. ކުރިއަށް އޮތް މެޗުގައި ޗެލެންޖަކަށް ވާނީ އެކަން. ހަމަގައިމު ވެސް ކުޅުންތެރިން ކުޅޭ މަގާމުތަކަށް ވެސް ބަދަލުތަކެއް ގެންނާނަން. އައު ކުޅުންތެރިންތަކަކަށް ވެސް ފުރުސަތު ދޭނަން. ތަފާތު ކޮންސެޕްޓަކަށް މަސައްކަތްކުރާތަން ވެސް ކުރިއަށް އޮތް މެޗުން ފެންނާނެ. ޙާއްސަ ގޮތެއްގައި ޓީމުގެ ފަހަތުން ލިބޭ ބޯޅަތަކުގެ ބޭނުން ހިފައި، ފަހަތުން، ރީތި ފުޓުބޯޅައެއް ކުޅެގެން ކުރިއަށް އަރައި ހަމަލާތައް އުފައްދަން މަސައްކަތް ކުރާނަން. ތަފާތު ކުޅުންތެރިންތަކަކާ އެކުގައި ވިޔަސް އެކަން ކުރަން މަސައްކަތް ކުރާނަން". މުބާރާތުގައި ކުރިއަށް އޮތް މެޗުން ފެންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުންޏެވެ.

ދިވެހި ޓީމުން ކުރިއަށް ކުޅެން އޮތް މެޗުގައި ބަދަލުތަކެއް ފެންނާނެކަމަށް ކޯޗު އުރުބާނީ ބުނިއިރު، މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެއިން ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ލީޑެއްގައި އޮވެ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ހެދުނު ގޯސްތަކާއެކު ރާއްޖެއަތުން ލީޑު ގެއްލި ބަލިވީއެވެ.

މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ދިވެހި ޓީމަށް، ބުދަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރުން މަޖުބޫރެވެ. ރާއްޖެއަށް ހަމަޖެހުމެއް އޮތީ ބޫޓާން އަތުން ތިން ޕޮއިންޓު ލިބިގެންނެވެ.

ބޫޓާނާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 20:30 ގައެވެ.