ޚަބަރު

މިއީ އުނދަގޫ މޮޅެއް، ކުޅުންތެރިންގެ ހިތްވަރާއި ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ: ބަންގާޅު ކޯޗު


  • ކޯޗު ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ތައުރީފު ހައްގު ކުޅުމެއް ދެއްކި ބައެއް ކަމަށް

  • ސައުތު އޭޝިއާ ސަރަހައްދުގައި ފުޓުބޯޅައަށް އޮތް ފޯރިއަށް ކޯޗު ވަނީ ތައުރީފު ކޮށްފައި

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަންގްލަދޭޝްގެ ކުޅުންތެރިން ހޯދީ އުނދަގޫ، އެހެންނަމަވެސް ކުޅުންތެރިންގެ ކުޅުމާމެދު ފަޚުރުވެރިވާފަދަ މޮޅެއްކަމަށް އެ ޓީމުގެ ކޯޗު، އިނގިރޭސިވިލާތުގެ މާކް އެޑްވާޑް ކޮކްސް ބުނެފިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަންގްލަދޭޝް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި ހާފުގައި ލަނޑެއް ފެނިގެން ނުދެއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން، މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ބަންގްލަދޭޝް ޓީމުގެ ހަމަލާތައް އިތުރަށް ނުރައްކާކޮށް، ކުޅުނު އެޓޭކިންގް މޮޅު ގޭމާއެކު މި ހާފުގައި ދެ ލަނޑު ޖަހާފައިވެއެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މާކް ބުނީ، ސައުތު އޭޝިއާ ސަރަހައްދަކީ ފުޓުބޯޅައިގެ ފޯރިގަދަ ސަރަހައްދެއް ކަމަށާއި ފުޓުބޯޅައަށް ހިތާއި ރޫހު ދީގެން މަސައްކަތްކުރާ ބަޔަކު ދިރިއުޅޭ ސަރަހައްދެއްކަން މި މެޗުން ފެނިގެން ހިނގައްޖެ ކަމަށެވެ.

އޭގެ ހެއްކެއްގެ ގޮތުގައި، މެޗުގައި ބަންގްލަދޭޝްގެ ޑިފެންޑަރު، ޔޫސުފް އަލީގެ ބޯ ފަޅައިގެން ގޮސް ލިބުނު އަނިޔާއާއެކު ވެސް، ކޯޗުން އޭނާ ބަދަލުކުރަން ބޭނުން ވުމުން ވެސް، އަމިއްލައަށް ދަނޑުމަތީގައި މަޑުކުރަން ޔޫސުފް އެދުންކަން ކޯޗު މާކް ފާހަގަކުރިއެވެ. އަދި މި މެޗު ބެލުމަށް، ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުންތަކެއް އަދި ޕާކިސްތާން ރައްޔިތުންތަކެއް ވެސް އައިކަން ފާހަގަކޮށް، މިއީ މި ސަރަހައްދުގައި ފުޓުބޯޅަ ފޯރި އޮތް މިންވަރު ހާމަވާ ކަމެއްކަމަށް އޭނާ ބުންޏެވެ.

ކޯޗު މާކް އިތުރަށް ބުނީ މި މެޗުގައި ހޯދުނީ އުނދަގޫ މޮޅެއް ނަމަވެސް، ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަކީ ތައުރީފު ހައްގު ކުޅުމެއް ކަމަށެވެ.

މެޗުގައި އެންމެ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ، ބަންގާޅު ޓީމަށް ކުޅޭ އެމެރިކާއަށް ނިސްބަތްވާ އަދި މެޗުގައި ދެ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮނަން ބެންޖަމިން ސުލިވަން އާއި ނަޒްމުލް ފައިސަލް އަދި އެމްޑީ މުރްސަދު އަލީއެވެ. މި ތިން ކުޅުންތެރިން މެޗުގައި ދެއްކި މޮޅު ކުޅުމާ ގުޅޭގޮތުން ވެސް ކޯޗު މާކް ވާހަކަދެއްކިއެވެ.

"އުނދަގޫ މޮޅެއް މިއީ. އެކަމަކު މިއީ ޓީމެއްގެ ގޮތުގައި ކުރި ހިތްވަރުން ލިބުނު މޮޅެއް. ދެ ހަފްތާއެއްހައި ދުވަސް މިވީ ޓީމާއެކު. މި ދުވަސްތަކުގެ ތެރޭގައި އެނގުނު އެއް ކަމެއް މިއީ، ގައުމުން ބޭރުން އައި ރޮނިން، ޑެކްލަން އަދި އިބްރާޙީމް ހަސީބް، މި ތިން ކުޅުންތެރިންނާއި ޓީމުގެ އެހެން ކުޅުންތެރިންނާ ދެމެދު ގުޅުން ބަދަހިވެގެން ދިޔަގޮތް. އެ ގުޅުމުގެ ސަބަބުން، މެޗުގައި އެ ތަފާތު ފެނިގެން ދިޔައީ. ރޮނިން އާއި ނަޒްމުލް އަދި މުރްސަދު މުޅި ދަނޑުގައި، މުޅި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު އެ ކުޅުންތެރިން ތި ފާހަގަވަނީ. އެ ތިން ކުޅުންތެރިން ވެސް ދެއްކީ ވަރަށް މޮޅު ކުޅުމެއް. އެކަމަކު އެހެން ހުރިހާ ކުޅުންތެރިން ވެސް ދެއްކީ ތައުރީފު ހައްގު ކުޅުމެއް. މުޅި ޓީމާ މެދު ވެސް ވަރަށް ފަޚުރުވެރިވޭ. އެއީ އަހަރެންގެ ކުދިން". ޓީމުގެ ކުޅުންތެރިންނާ މެދު ހިތްހަމަޖެހިފައިވާ މިންވަރު ހާމަކޮށް ކޯޗު މާކް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް ތިން މެޗެއް ކުޅެފައިވާއިރު އެންމެ ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓުނު އެއް މެޗަކަށް ބަންގްލަދޭޝްއާއި ޕާކިސްތާން މެޗު ވެގެންދިޔައެވެ.

މި މެޗުން ހޯދި މޮޅާއެކު ބަންގްލަދޭޝް އިން ސެމީއާ ގާތަށް ޖެހިލިއިރު، ކުރިއަށް އޮތް މެޗުގައި އިންޑިއާ އަތުން ޕޮއިންޓެއް ހޯދާލައިގެން ވެސް އަދި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ވެސް ބަންގްލަދޭޝްއަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.

މި ތިން ޓީމު ހިމެނޭ ގްރޫޕް ބީގެ މެޗެއް ދެން އޮންނާނީ 26 ވަނަ ދުވަހުގެ ހަވީރެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި އިންޑިއާ އެވެ. މުބާރާތުގައި ކުރިއަށް ދާން ބޭނުންނަމަ އެ މެޗު ކާމިޔާބުކުރުން ޕާކިސްތާނަށް މަޖުބޫރު ވާނެއެވެ.