ޚަބަރު

ހަނގުރާމަ ހުއްޓައިލުމަށް މަޝްވަރާއެއް ނުކުރަން: އީރާން


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އެ ދެ ޤައުމު ތާށިވެފައިވާ "ވަޅުގަނޑުން" ސަލާމަތްވުމަށް ޓަކައި ދޮގު ޚަބަރު ފަތުރައި ބާޒާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމުގައި އީރާނުގެ އިސްވާރުން ތުހުމަތުކޮށްފިއެވެ. އީރާނުން މި މޭރުމުން ބުނެފައި މި ވަނީ، އެ ޤައުމުގެ އިސްވާރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. އީރާނުން ބުނީ، އެއީ އިތުރުފުޅެއް ކަމުގައެވެ.

އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބާފީ ވަނީ ޓްރަމްޕްގެ ދޮގުތަކާއި ޕްރޮޕެގެންޑާއަށް ރައްދު ދެއްވާފައެވެ. "އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. އަދި، ޓްރަމްޕް މި ފަދަ އިތުރުފުޅުތައް ހައްދަވަމުން ގެންދަވަނީ ތެލުގެ ބާޒާރަށް ނުފޫޒު ފޯރުއްވުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިއީ، ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔަހޫދީ ދައުލަތް ވެއްޓިފައިވާ "ވަޅުގަނޑުން" ސަލާމަތްވުމަށް ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމުގައި ވެސް ޣާލިބާފީ ވިދާޅުވިއެވެ.

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމަ މިހާރު މި ވަނީ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާޤާޔީ ވިދާޅުވީ، "ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އެދޭ އެދުމާ ގުޅޭގޮތުން ބައެއް އެކުވެރި ޤައުމުތަކުގެ ފަރާތުން މެސެޖުތައް ލިބިފައިވާ" ކަމުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، މިޞްރު އަދި ތުރުކީވިލާތް ހިމެނެއެވެ.

ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގު ބަންދުކުރުމާ ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފި ނަމަ، އީރާންގެ ހަކަތައިގެ މަރުކަޒުތައް ސުންނާފަތި ކޮށްލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ނަމަވެސް، އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ލޮޅުމުގެ ސަބަބުން އޭނާ ވަނީ އެ އިންޒާރު ތަންފީޒު ކުރުން ފަސް ދުވަހަށް މަޑުޖައްސައިލުމަށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާއަށް އަމުރު ކުރައްވާފައެވެ. "އެ މީހުން [އީރާނުން] ވަރަށް ބޮޑަށް ބޭނުންވޭ އެއްބަސްވުމަކަށް އަންނަން. އަޅުގަނޑުމެން ވެސް ބޭނުންވޭ އެއްބަސްވުމަކަށް އަންނަން. އެ ކަން [މަޝްވަރާތައް] ރަނގަޅަށް ކުރިއަށްގޮސްފި ނަމަ މި މައްސަލަ ޙައްލުކުރާނަން. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ހިތް ފުރެންދެން ބޮން އެޅުން ކުރިއަށް ގެންދާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާގެ މި އިންޒާރުތަކަކީ އީރާނުގެ ދިފާޢީ ވަރުގަދަކަމުގެ ކުރިމަތީގައި އެމެރިކާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފޮރުވުމަށް ދައްކާ ވާހަކަތަކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.