ޚަބަރު

ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ޕާކިސްތާން


  • ފުރަތަމަ މެޗުގައި ޕާކިސްތާނު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށް

  • ހުރިހާ ކުޅުންތެރިންވެސް ފިޓް، ޤައުމު ފަޚުރުވެރިކޮށްދޭނަން

ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި މުބާރާތަށް ފުރިހަމައަށް ތައްޔާރުކަމަށް ޕާކިސްތާނު ޓީމުގެ ކޯޗު ޝެހެޒާދު އަންވަރު ބުނެފިއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026 ފެށުމުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕާކިސްތާނު ޒުވާން ޓީމުގެ ކޯޗު ބުނީ މެޗުތައް އެނަލައިޒް ކުރަމުންދާނެ ކަމަށާއި، އޭނާ ދެކޭ ގޮތުގައި ޓީމުތަކުގެ މެދުގައި މާބޮޑު ފަރަގެއް ނެތްކަމަށެވެ.

"ޓަފް ގުރޫޕެއްގައި، ގުރޫޕްބީގައި އަހަރުމެން މިއޮތީ. ލެވެލަށް ބަލާއިރު މާ މޮޅު ޓީމެއް، މާ ދަށް ޓީމެކޭ ބުނާ ވަރުގެ ފަރަގެއް ޓީމުތަކުގެ މެދުގައި ނެތް. ޕާކިސްތާނު މިއޮތީ ފުރިހަމައަށް ތައްޔާރަށް، ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު" ކޯޗު ބުންޏެވެ.

މި މުބާރާތަކީ އޭއެފްސީ އޭޝިއަންކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމަށް އޮތް މުބާރާތެއް ކަމަށާއި، އެހެންކަމުން ޕާކިސްތާނުގެ އުންމީދަކީ މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށްވެސް ކޯޗު ބުންޏެވެ. ޕާކިސްތާނުގެ ފުޓުބޯޅައަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ޒުވާން ޓީމުގެ ފެންވަރު އަންނަނީ ރަނގަޅުވަމުން ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޕާކިސްތާނު ޓީމުގެ ކެޕްޓަން ބުނީ، ޕާކިސްތާނުން ވަނީ އުނދަގޫ ގުރޫޕެއްގައި ނަމަވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންވެސް މި ތިބީ ވަރަށް ފިޓްކޮށް ކަމަށެވެ. އަދި ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދައްކާ ގައުމު ފަހުރުވެރިކޮށްދޭނެ ކަމަށް ޕާކިސްތާނު ޓީމުގެ ކެޕްޓަން ބުންޏެވެ.

މުބާރާތުގައި ޕާކިސްތާނު ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ބަނގްލަދޭޝާ ދެކޮޅަށެވެ. ޕާކިސްތާން ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕުގައި ދެން އޮތީ އިންޑިއާއާއި ބަންގްލަދޭޝްއެވެ.