ޚަބަރު

އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގެންފި


އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޚާލިދު ބިން ޙިލާލް އަލް މަޢްވަލީ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޝައިޚް ޚާލިދު ބިން ޙިލާލުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އޮމާންގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ޝޫރާ ކައުންސިލްގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުއާއި މަޖްލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.

އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސްގެ މިދަތުރުފުޅުގައި ޝޫރާ ކައުންސިލްގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.