ޚަބަރު

"ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ ތަރައްޤީގެ މަސައްކަތަށް"


  • މާރިޗު މަހުގެ 23 ފާހަގަކުރަނީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި

  • 1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރި

ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ދެ ލީޑަރުންނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ޕާކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވީ، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.

ޕާކިސްތާނުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ކުރިއެރުމަށާއި ސަރަޙައްދީ ތަރައްޤީއަށް ދެ ޤައުމުން ގެންގުޅޭ އެއްގޮތް އުންމީދުތަކާއެކު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބައިނަލްއަޤުވާމީ މައިދާނުގައާއި ދެ ޤައުމުގެ ދެމެދުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ޕާކިސްތާނާއެކު އޮންނަ އަޚުވަންތަ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަން ރައީސް ފާހަގަކުރެއްވިއެވެ. 1966 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ބަދަހި އަދި ބިނާކުރަނިވި ގުޅުމެއް ދަމަހައްޓަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުންނާއި، ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ އެއް ދީނަކަށް ތަބާވުމާއި، ދެ ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިޓީފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ދެ ލީޑަރުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ، 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަންގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.