ޚަބަރު

ދިވެހިންގެ ސަޕޯޓަކީ ކާމިޔާބީ ހޯދަން ލިބޭ ބޮޑު ހިތްވަރެއް: ކެޕްޓަން އިލާން


  • ރާއްޖޭގައި އޮތީ އުއްމީދީ ސްކޮޑެއް

  • މުޅި ޓީމުން ވެސް އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ސަޕޯޓުކޮށްދިނުމަށް

ރަމިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ސަޕޯޓު ވެގެންދާނީ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށް، ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ބުނެފިއެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ މިރޭ 20:00 ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މި މެޗުގައި ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިލާން ބުނީ، މެޗުތަކާ ކުރިމަތިލަނީ ވަރަށް އިތުބާރާއި ޔަގީންކަމާއެކުގައި ކަމަށެވެ. ލަންކާ މެޗުގައި ވެސް ދިވެހިން އެދޭފަދަ ކާމިޔާބީއެއް ހޯދުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރާނެ ކަމަށާއި ފޯކަސް ހުރީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގަެން ކުރިއަށް ދިއުމަށް ކަމަށް ވެސް، އުއްމީދީ ކެޕްޓަން އިލާން ބުންޏެވެ.

އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުޅެން ލިބުން އެއީ ލިބުނު ރަހުމަތެއްގެ ގޮތުގައި ސިފަކޮށް އިލާން އިތުރަށް ބުނީ، ލިބުނު މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ދިވެހިންގެ ސަޕޯޓާ އެކުގައި ކަމަށެވެ.

"މެޗަށް މި ނުކުންނަނީ އެންމެން ވެސް ވަރަށް ކޮންފިޑެންޓުކޮށް. ދެން ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރާނެ މި މެޗު ކާމިޔާބުކުރަން. ސްޓެޕް ބައި ސްޓެޕްއޭ ބުނެވޭނީ ހަމަ. ފުރަތަމަ މެޗުން މޮޅުވެ ދެން އަންނަ މެޗަށް ފޯކަސްކޮށް. އެގޮތަށް ދާނީ. ދެން ހަމަ ރާއްޖޭގައި ކުޅެން ލިބުނީމަ އެއީ ދެން އިތުރު ހިތްވަރެކޭ ބުނެވޭނީ ހަމަ. ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ސަޕޯޓުކޮށްދިނީމަ އަޅުގަނޑުމެންނަށް އެ ލިބޭ ހިތްވަރު އިތުރުވާނެ". ޓީމަށް ސަޕޯޓުކޮށްދިނުން އެދި އިލާން ބުންޏެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ލަންކާއާ ދެކޮޅަށް ނުކުންނައިރު، މިއީ ފުޓުބޯޅައިގައި، އުމުރުފުރައިގެ ބައިނަލްއަގްވާމީ މުބަރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ސްކޮޑުގައި، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންތަކެއް ހިމެނުން އެއީ މި މުބާރާތަށް ކުރެވޭ އުއްމީދު ބޮޑުވާ ކަމަކަށްވާއިރު، ކުޅުންތެރިންގެ ހުނަރާމެދު އޮތް އިތުބާރާއެކު، ދިވެހިންގެ ސަޕޯޓާއެކު މި މުބާރާތް ޤައުމީ ޓީމުން ކާމިޔާބުކުރުން ގާތްކަމަށް ދިވެހި ތަޖުރިބާކާރުން ބުނެއެވެ.