ތަޢުލީމު

މެރިޓައިމް ދާއިރާއިން ކިޔަވާނެ ފުރުޞަތު ރާއްޖޭގެ 4 ސަރަހައްދަކުން


ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ތަފާތު 23 ކޯހެއް މިހާރުވެސް ކުރިއަށްގެންދަވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައިވެސް މި ކޯސްތައް މިހާރު ހިންގަވަމުން ގެންދަވާކަމަށް އެ ސެންޓަރުން ވިދާޅުވެއްޖެ. ކަނޑުދަތުރުފަތުރުކުރުމާއި ގުޅޭ ތަފާތު ކޯސްތައް ރާއްޖޭގައި ހިންގާއިރު، މި ކޯސްތައް އެންމެ ފުރަތަމަ ހިންގަން ފަށްޓަވާފައިވަނީ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން.

ރިޕޯޓް: ޒަމްޢަތު އަޙްމަދު ވަޙީދު

މެރިޓައިމް ޓްރެއިނިންގ ސެންޓަރ ފުރަތަމަ އުފައްދަވާފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ޝިޕިންގ ގެ ދަށުން ހިންގަވާ ގޮތަށެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެއް އުފެއްދެވުމާއި އެކު އެ ސެންޓަރު، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ނަމަށް ބަދަލުކުރައްވާ، ޤައުމީ ޔުނިވަރސިޓީގެ ދަށުން ހިންގަވަމުން ގެންދަވާ ސެންޓަރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

މި ސެންޓަރުން ބޯޓު ދަތުރުކުރުމުގެ ދާއިރާގެ އެންމެ މަތީ ލެވެލް ކަމުގައިވާ ކެޕްޓަނުންނާއި ޗީފް އޮފިސަރުން ތަމްރީންކުރުމުގެ ކޯސް ފިޔަވާ ހުރިހާ ލެވެލްއެއްގެ ކޯސްތައް ހިންގަވައެވެ.

މި ސެންޓަރުން ހިންގަވާ ކޯސްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ކޯހަކީ ރާއްޖޭގައި ދަތުރުކުރާ ނެވިން ތަމްރީނު ކުރުމުގެ ކޯހެވެ. މި ކޯސް މިހާރު މާލޭގެ އިތުރުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ހިންގަވައެވެ. އެއީ ރ. އަތޮޅުން އުނގޫފާރާއި، އއ. އަތޮޅުން މާޅޮހާއި، އދ. އަތޮޅުން ދަނގެއްޗާއި އަދި ވ.އަތޮޅުން ކެޔޮދޫގައެވެ. މި ކޯސްތައް ކުރިއަށް ގެންދަވަނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަމިއްލަ ޖަމްޢިއްޔާތަކުން ސްޕޮންސަރ ކުރައްވައިގެންކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

މިހާރު ޖުމްލަ 23 ކޯހެއް ހިންގަވަމުންދާއިރު، މަދު ކޯހެއް ފިޔަވާ ހުރިހާ ކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ކޯސްތަކެކެވެ. މި ކޯސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވާއިރު އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދަނީ ޒުވާނުންގެ ފަރާތުންކަން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ، ކެޕްޓަން އަޙްމަދު ޒުބައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2204 ދަރިވަރަކުއެ ސެންޓަރުން ނިޔަމި ކަމުގެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯސްތައް ހިންގަވަނީ 4 ބަޔަކަށް ބައްސަވާލައްވައިގެންނެވެ.

''ގިނައިން ޒުވާނުން ކޯސްތަކުގައި ބައިވެރިވަނީ. ވަރަށް މަދު ދުވަސްވީ މީހުން ބައިވެރިވާލެއް. މިހާރު ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން އަޅުގަނޑުމެން މައިގަނޑުގޮތެއްގައި ބަހާލާފައިވާނީ ހަތަރުބަޔަކަށް. އެއްބަޔަކީ ސޭފްޓީ ބައި، ދެން ނެވިގޭޝަން، ދެން ބްރިޖް ވޮޗްކީޕިން، ދެން ޖެނެރަލް ޝިޕް ނޮލެޖް.'' ކެޕްޓަން އަޙްމަދު ޒުބައިރު ވިދާޅުވިއެވެ.

ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކު ކުރިއަށްގެންދަވާ މި ކޯސްތަކުގެ މުހިންމުކަމާއި ބެހޭ ގޮތުން ކެޕްޓަން އަޙްމަދު ޒުބައިރު ވިދާޅުވި އަމިއްލަ ސަލާމަތާއި ޢާއިލާއާއި މުދަލާއި، ހުރިހާ އެއްޗެއްގެ ރައްކާތެރިކަމަށްޓަކާ މިއީ ވަރަށް މުހިންމު ކޯހެއްކަމަށެވެ.

'' ކޯހުގަ ބައިވެރިވުމަށްފަހު ލިބޭ ތަމްރީނުތައް ވަރަށް މުހިންމު. އެހެންވީމަ ވާގޮތަކީ އެ ބޭފުޅުންގެ ކެރިއަރގައި މަސައްކަތްކުރާއިރު ވަރަށް މުހިންމު އެއްޗެހިތަކެއް ނިޔަމިކަމުގެ ކޯހުގައި ކިޔަވާދެނީ. މިހާރު ރާއްޖޭގެ ހުރިހާ އުޅަނދުފަހަރެއްވެސް މިދަނީ ބޮޑެތިވަމުން" ކެޕްޓަން އަޙްމަދު ޒުބައިރު ވިދާޅުވިއެވެ.

ވިލިމާލޭގައި ހިންގަވާ މި ސެންޓަރުގެ ޢަމަލީ ތަޖުރިބާކުރަނީ އެ ސެންޓަރާއި ވިލިމާލޭގައި ހުންނަ ސަވައިވަލް ސެންޓަރުގައެވެ.