ޚަބަރު

ރައްޔިތުންނަށް ތަރައްޤީގެ ފައިދާ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ތަރައްޤީގެ އަމާޒަކީ، ހުރިހާ ރައްޔިތުންނަށާއި، މުޅި މުޖުތަމަޢަށް ތަރައްޤީގެ ފައިދާ ހޯދައިދެއްވުންކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ ޢާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައެވެ.

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ ތަޤްރީރުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރައްވަމުން ގެންދަވާ ދެ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މިނިސްޓަސރ ވިދާޅުވީ، ޤައުމީ ތަރައްޤީގެ އެންމެ މުހިއްމު ބަޔަކީ ރައްޔިތުންކަމަށެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލްވެވޭނީ، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުފުޅުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14748063305807.jpg|ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް އދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ޔޫއެން

ރާއްޖޭގެ ސިޔާސީ މަޞްރަޙާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޢާޞިމް ވިދާޅުވީ، ރާއްޖޭގައި ފުރިހަމަ ދިމިޤްރާތީ ނިޒާމެއް ޤާއިމްކުރި ފަހުން އަދި މާގިނަ އަހަރުތަކެއް ވޭތުފެއި ނުވާކަމަށެވެ. އަދި، ރާއްޖޭގެ ދިމިޤްރާތީ ނިޒާމް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޑރ. ޢާސިމް ވިދާޅުވީ، ރާއްޖޭގެ ދިމިޤްރާތީ މުއައްސަސާތައް އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ޖާގަ ދޭންޖެހޭކަމަށެވެ. އަދި، ރާއްޖޭގައި ދިމިޤްރާތީ ވެއްޓެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފެއްޓެވި ހިސާބުން ފެށިގެން ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތުގެ އަލީގައާއި ހިނގާފައިވާ ކަންކަމުން ލިބިފައިވާ ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް މުއައްސަސާތައްދަނީ ތަރައްޤީވެ ބަދަލުވަމުން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށާއި، ތަރައްޤީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އޮތް ނުރައްކާތައްކަން ފާހަގަކުރައްވާ ޑރ. ޢާޞިމް ވިދާޅުވީ، މިއަދު އެފަދަ އެހެން ބޮޑު ނުރައްކަލަކާ ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު އަދި ކަނޑާއި އިޤްތިޞާދު ގުޅިފައިވާ ޤައުމެއްގައި، ކަނޑުގެ ރައްކާތެރިކަމާ ކަނޑުގެ ވަސީލަތްތަކަށް ދިމާވާ ނުރައްކާތަކަށް ސަމާލުވާން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14747889339738.jpg|ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް އދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ޔޫއެން

މީގެ އިތުރުން، ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޢާޞިމް ވިދާޅުވި ގޮތުގައި ފެންސްތަކާއި ބެރިކޭޑްތައް ޖަހައިގެން ހަމަނުޖެހުމެއް ނުހުއްޓުވޭނެކަމަށެވެ. އަދި، އިސްލާމްދީނާއި ދެކޮޅަށް އޮތް ފިތުނަވެރިކަމާއި ރުޅިވެރިކަމަށް އޮތް ޙައްލަކީ އެއް ބަޔަކު އަނެއް ބައެއްގެ އިޙްޞާޞްތަކަށް އިޙްތިރާމްކޮށް، ތަފާތުތައް ޤަބޫލްކޮށް، އަދި އެއް ބަޔަކު އަނެއް ބަޔަކަށް ދޫ ދިނުންކަމަަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހައްދުފަހަނައަޅާ ދިޔުމާއި ޓެރެރިޒަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާޞިމްވަނީ، ދިވެހިރާއްޖެއަކީ އެފަދަ ހުރިހާ ޢަމަލަކާއި ދެކޮޅު ޤައުމެއްކަން ފާހަގަކުރައްވާ، އެފަދަ ޢަމަލުތައް ހުއްޓުވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޙިއްޞާކުރައްވަފައެވެ.

މީގެ އިތުރުން، ދުނިޔޭގެ ތަރައްޤީއާއި ޞުލްޙައަށް އދ.އިން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުމާއި، އަދި މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބޮޑެތި ބައެއް މައްސަލަތަކުގެ މައްޗަށް އެމަނިކުފާނުގެ ތަޤުރީރުގައި އަލިއަލުއްވާލެއްވިއެވެ.