ހޯމަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ.
ޒުވާން ސްކޮޑު އެކުލަވާލުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކާމިޔާބު، މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސްކޮޑުން ފުރުސަތު ހޯދުމަށްޓަކައި ފެބްރުއަރީ އެއްވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ޓްރަޔަލްއެއް ބޭއްވިއިރު، އެފަހުން ބޭއްވި ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތުގައި ވެސް ކުޅުންތެރިން ނެގުމަށް ހާއްސަ އަހައްމިއްޔަތުކަމެއް އެފްއޭއެމްގެ ޓެކްނިކަލް ޓީމުން ދީފައިވެއެވެ.
މީގެއިތުރުން، ދިވެހި ލީގުގެ މެޗުތަކާއި ޕްރެޒިޑެންޓްސް ކަޕުގެ ހުރިހާ މެޗެއްގައި ވެސް، ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ބަލައި މޮނީޓަރ ކުރުމަށް، އެފްއޭއެމްގެ ޓެކްނިކަލް ޓީމުން ހަރަކާތްތެރިވެފައިވެއެވެ.
ފާއިތުވީ ދުވަސްތަކުގައި ޒުވާން ޓީމުން 25 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތަކާއި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާއިރު ފައިނަލް ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ.
23 ކުޅުންތެރިންގެ ސްކޮޑަކާއެކު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާނީ، ސީނިއަރ ޤައުމީ ޓީމުގެ ވެސް ކޯޗު، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.
ޒުވާން ސްކޮޑުގައި، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ބައެއް ކުލަބުތައް ލީޑުކުރާ ކުޅުންތެރިންނާއި މުހިންމު ދަނޑިވަޅުތަކުގައި މުހިންމު ލަނޑުތައް ބޮޑެތި ޓީމުތަކަށް ޖަހާދީފައިވާ ކުޅުންތެރިން ވެސް ޓީމުގައި ހިމެނެއެވެ.
ޖުމްލަ 7 ޓީމާއެކު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާން، ނޭޕާލް އަދި ސްރީލަންކާއާ އެއް ގުރޫޕެއްގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ.
މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ 20:00 ގައި ލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 25 ވަނަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 27 ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.