ސިއްހަތު

ޞިއްޙީ ދާއިރާގެ ދުރުރާސްތާގެ މައިމަޝްރޫޢާގުޅޭ މަޝްވަރާތަކެއް


ދެމެހެއްޓެނެވި ޞިއްޙީ ނިޒާމެއް ޤާއިމްކުރެއްވުމަށް ބޭނުންވާ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ދުރުރާސްތާގެ މައިމަޝްރޫޢެއް އެކުލަވާލެއްވުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ހެލްތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޕެރެޑައިޒް އައިލަންޑް ރިސޯޓްގައެވެ.

ޞިއްޙީ ދާއިރާގެ ދުރުރާސްތާ ޕްލޭނަކީ ރާއްޖޭގައި ދެމެހެއްޓެނެވި ޞިއްޙީ ނިޒާމެއް ޤާއިމްކުރެއްވުމަށް އެކުލަވާލައްވާ ޕްލޭނެއް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްލޭނާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމަކީ، މިހާރު އެކުލަވާލައްވާފައިވާ ހެލްތް މާސްޓަރ ޕެލޭން 2016-2025 ގެ ޑްރާފްޓް ފައިނަލް ކުރެއްވުމުގެ ކުރިން ކަމާ ގުޅުހުން ހުރި ދާއިރާތަކުގެ ފަންނީ މާހިރުންގެ ލަފާ ހޯއްދަވާ މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ކަމާގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ހެލްތް މިނިސްޓްރީގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ސަރުކާރު ވުޒާރާތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޔޫއެން އެޖެންސީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްލޭންގެ ދަށުން ޞިއްޙީ ދާއިރާގެ ސިޔާސަތު ބައްޓަންކުރައްވާނީ، ޤައުމީ ތަރައްޤީޤެ އޮނިގަނޑުގައި ކަނޑައަޅުއްވާފައިވާ އަމާޒުތަކާއި، ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނިޑތަކާއި، ސަރުކާރުގެ މެނިފެސްޓޯއާއި، އަދި ދުނިޔޭގެ ފެންވަރުގެ ޞިއްޙަތާ ގުޅުންހުރި ރީޖަނަލް ޕްލޭންތައްވެސް ރިޢާޔަތްކުރައްވައިގެން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާގެ މިސިޔާސަތު ބައްޓަންކުރެވޭނީ ޞިއްޙީ ކޮންމެ ކަމަކާމެދު މަޝްވަރާކުރެވޭ މަރުޙަލާގައި އެ މަޝްވަރާއަށް ރިޢާޔަތްކުރެވޭ ސިޔާސަތެއްގެ ގޮތުގައިކަމަށެވެ. އެފަދަ ސިޔާސަތު ވާންޖެހޭނީ ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ލިއްބައިދިނުމަށް ބައްޓަންކުރެވޭ ސިޔާސަތަކަށް ކަމަށްވެސް މިނިސްޓަރ ބަޔާންކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ހެލްތް މާސްޓަރ ޕްލޭން ބައްޓަންކުރަންވާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް މަގުފަހިކުރުވާ ޕްލޭނަކަށް ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ދެމެހެއްޓެނެވި ޞިއްޙީ ނިޒާމެއް ޤާއިމްކުރެއްވުމަށް މިފަދަ ޕްލޭނެއް އެކަށަހެޅުއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ، ހެލްތް މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި ވަރަށް ގިނަ ބައެއް ޚިޔާލާއި މަޝްވަރާ ހޯއްދެވި ކަމަށް ވިދާޅުވިއެވެ. ސާމިޔާ ވިދާޅުވީ، މިޕްލޭންގެ ދަށުން މޮނިޓަރިން ފްރޭމް ވޯރކެއް އެކުލަވާލެއްވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިއްޙީ ދާއިރާގެ ތަރައްޤީއަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލޭނެއް އެކުލަވާލާ ޢަމަލު ކުރަން ފަށްޓަވާފައިވަނީ ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައެވެ. 2016 އިން 2025 ވަނަ އަހަރާ ހަމަޔަށް ތަންފީޒުކުރެއްވުމަށް އެކަށައަޅުއްވާ މި ޕްލޭން ފައިނަލްކުރެއްވުމުގެ ގޮތުން ކަމާ ގުޅުހުން ހުރި ދާއިރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް މިއަދު ބޭއްވެވި މި ބައްދަލުވުމަކީ އެއްދުވަހުގެ ބައްދަލުވުމެކެވެ.