ޚަބަރު

ޑިސްއެބިލިޓީ އެވޯޑް 8 ދާއިރާއަކުން 15 ފަރާތަކަށް ދެއްވައިފި


މިއަހަރުގެ ޑިސްއެބިލިޓީ އެވޯޑް 8 ދާއިރާއަކުން 15 ފަރާތަކަށް ދެއްވައިފިއެވެ. އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ.

ޑިސްއެބިލިޓީ އެވޯޑަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއްއަހަރު ދެއްވަމުން އަންނަ އެވޯޑެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިއަހަރު މި އެވޯޑް ހާސިލް ކޮށްފައިވަނީ، މުހައްމަދު އައްވާމް، ދީނާ ލަތީފް، ނަޒީހާ އަބްދުއްސައްތާރު، އަލްހާފިޒް އަބްދުއް ރަޝީދު، އަދި އަހްމަދު ނަޖީބެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ ތެރއިން އެވޯޑް ހާސިލް ކުރީ ޖަމާލުއްދީން ސްކޫލާއި، ޏ.ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލެވެ. ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރީ، މަރިޔަމް ޝަތުރަތް ޝާކިރު އަދި ޒިހުނަތު ހަސަން އެވެ.

img:http://s1.psmnews.mv/images/660x400/14747948338300.JPG|ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރި، ޒިހުނަތު ހަސަން- ފޮޓޯ: އަލީ ނަސީރު، ޕީއެސްއެމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން އެވޯޑް ހާސިލް ކުރީ، ބިއުޓިފުލް އައިސް, ޑައުންސިންޑްރަމް އެސޯސިއޭޝަންއެވެ.

ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރީ އިފްހާމް ޙުސައިން އަދި ފާމަތް ޒަމީލްއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރީ، އަލިފުޅު ތުއްތު ފައުންޑޭޝަންއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް އެވޯޑް ހާސިލްކުރީ، އެމްޓީސީސީއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތް ދޭ ފަރާތްތައް އެވޯޑް ހާސިލްކުރީ، ވީއެފްއެމްއެވެ.

img:http://s3.psmnews.mv/images/660x400/14747949605729.JPG|ނާއިބް ރައީސް އަބްދުﷲ ޖިހާދު- މިއަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އަލީ ނަސީރު، ޕީއެސްއެމް

މި ފަރާތްތަކަށް އެވޯޑް ދެއްވުމަށްފަހު ހަފްލާގެ ޝަރަފްވެރި މެހްމާން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަމާ އަޅާލުން ދެއްވުމަށް ގޮވާލެއްވިއެވެ. އަދި މިހާރު އެކުލަވާލާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ފުރިހަމައަށް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރައްވާ ކަމަށާއި، އެ ދަފްތަރުގައި ތިބި ހުނަރުވެރި ކުދިންނަށް އެކުދިންގެ ހުނަރު ތަރައްޤީ ކުރުމުގެ ފުރުސަތު ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ.

"މިހާރު ދަފްތަރުގައި ތިބީ 6400 ވަރަކަށް މީހުން އެ މީހުންނަ ދައުލަތުން 13 މިލިއަން ވަރަކަށް ރުފިޔާ ކޮންމެ އަހަރަކު ޚަރަދު ކުރޭ. އެކަމަކު މިހާރު ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ، އެ ދަފްތަރު އެކުލަވާލައި، އެ މީހުން ސްކިލް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަށް ވިސްނާފައި އޮތީ" ނާއިބް ރައީސް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14747952411403.JPG|ިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ ޒެނީޝާ ޝަހީދު ޒަކީ- މިއަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އަލީ ނަސީރު، ޕީއެސްއެމް

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާ ކުޑަކުދިންނަށް އިތުރު ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ޤާނޫނުގެ ދަށުން ގިނަ ފުރުސަތުތަކެއް މިހާރު ފަހިކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަން ފާހަގަ ކުރެވިފައިވާކަމަށާއި، އެކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ކުދިންނަށް ލިބޭ އަނިޔާއަށް އިތުރަށް ސަމާލުކަންދޭންޖެހޭ. އަދި އެ މީހުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާ ދެނެގަންނަން ޖެހޭ. އެމީހުންގެ ބޭނުން ނަހަމަ ގޮތުގައި ކުރާ މަންޒަރު މިހާރުފެންނަމުންދާއިރު، އެކަންކަން ދެނެގަނެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރަންޖެހޭ" މިނިސްތަރ ޒެނީޝާ ވިދާޅުވިއެވެ."ޑިސްއެބިލިޓީ އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 6400 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.