ޚަބަރު

އާއިލީ ވުޒާރާގެ ވެބްސައިޓުން ޓްރަސްޓް ފަންޑަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެ


  • ޢާއިލާއަކަށް ކާންދިނުމަށް އެހީވެދެވޭނެ

  • ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވެވޭނެ

ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަ ޓްރަސްޓު ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ.

އެވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އާ ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. އާ ވެބްސައިޓަކީ އެ ވުޒާރާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ލުއިފަސޭހަ ވެބްސައިޓެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެގޮތުން، ވެބްސައިޓްގައި "އެހީ ވަމާ" ބައިގެ ދަށުން ޓްރަސްޓް ފަންޑަށް މާލީ ވުޒާރާއިން ބަލަހައްޓަމުންދާ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ބަލައިގަންނަމުންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތައް

• ޢާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.

• ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.

• ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.

• ވޮލެންޓިއަރ ނުވަތަ އިންޓަރން އަކަށްވުން:އެ ވުޒާރާގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.

• އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.

އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހޯއްދެވުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފްޞީލުތައް ބެއްލެވުމަށް އާ ވެބްސައިޓް ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މިއީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.