ޚަބަރު

އައްޑޫ އެކްސިޑެންޓް: ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ


  • އެއީ އުމުރުން 41 އަހަރުގެ ފިރިހެނެއް

  • އެމީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި

އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި އިއްޔެ ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެ ފޮނުވާލާފައިވާކަމަށެވެ. އައިޗީއެމްއެޗުން ވިދާޅުވީ އެމީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އެއީ ކާރު ދުއްވަން އިންމީހާއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ޖުމުލަ 5 މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު 3 މީހަކު މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. އަދި އެކަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވުވެފައިވަނީ މި އެކްސިޑެންޓު ހިނގިކަމުގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރުކަމަށެވެ. މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.