ވިޔަފާރި

އޮގަސްޓް މަހު މީރާއަށް އެއް ބިލިޔަން ރުފިޔާ


އޮގަސްޓް މަހު މީރާއަށް އެއް ބިލިޔަން ރުފިޔާ ބަލައިގަންނަވާފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މިއާއެކު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މީރާއިން ލިބުނު އާމްދަނީގެ އަދަދުވަނީ 10.28 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 6.6 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

އޮގަސްޓްމަހު މީރާއިން ބަލައިގެންނެވި އެންމެ ބޮޑު އާމްދަނީއެއް ޙިއްޞާ ކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 55.4 އިންސައްތަ ނުވަތަ 556.64 މިލިއަން ރުފިޔާއެވެ. އޮގަސްޓް މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީން. އެއީ 194.59 މިލިޔަން ރުފިޔާ ނުވަތަ 19.4 އިންސައްތަކަމަށް މީރާ އިން ވިދާޅުވެއެވެ.މީގެ އިތުރުން ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދަކީ 58.3 މިލިޔަން ރުފިޔާ ނުވަތަ 5.8 އިންސައްތަ ކަމަށާއި، އަދި ގްރީން ޓެކްސްގެ ގޮތުގައި 57.24 މިލިޔަން ރުފިޔާ ބަލައިގަންނަވާފައިވާކަމަށް މީރާއިން ވިދާޅުވެއެވެ. އަދި، އެއަރޕޯޓް ސާރވިސް ޗާރޖްގެ 46.44 މިލިޔަން ރުފިޔާ ނުވަތަ 4.6 ޕަސެންޓްގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ފާހަގަކުރައްވައެވެ.

މިއަހަރުގެ އޮގަސްޓް މަހު ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.4 އިންސައްތަ ދަށް ކަމަށް މީރާއިން ވިދާޅުވެއެވެ. ނަމަވެސް މިއީ އޮގަސްޓްމަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ 57.2 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ މައިގަނޑު ސަބަބުތަކަކީ މިއަހަރުގެ ޖުލައި މަހުގެ ޖީ.އެސް.ޓީއާއި މި އަހަރުގެ ދެވަނަ ކުއާޓަރގެ ޖީ.އެސް.ޓީއާއި މި އަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި އަދި މި އަހަރުގެ ޖުލައި މަހުގެ ގްރީން ޓެކްސް ހުށައެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަސްތަކަކާ ދިމާވުމާ ގުޅިގެން މި އަހަރުގެ އޮގަސްޓް އެކަކަށް ސުންގަޑިތައް ބަދަލުވުމުންކަމަށް މީރާއިން ވިދާޅުވެއެވެ. އަދި، ހަމަ މިއާއެކު އަލަށް ކުއްޔަށް ދޫކުރި ރަށްތަކުން ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި ލިބިފައިވާ އަދަދު އަންދާޒާ ކުރައްވާފައިވާ އަދަދަށްވުރެ 11 ގުނަ އިތުރުވުން މިއީވެސް އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބުކަމަށް މީރާއިން ވިދާޅުވެއެވެ. މި އަހަރުގެ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަތް 33.7 މިލިޔަން ޑޮލަރު ހިމެނެއެވެ.