ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖިސްމާނީ ގޮތުން ފާހަގަކޮށްލެވޭ ތަފާތެއް ފެނިގެންދާނެ ކަމަށާއި ކުރިއެރުންތައް ހޯދިއްޖެ ކަމަށް ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
އަންނަ ހޯމަ ދުވަހު ފަށާ ސާޕް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ޓީމު ބާސެލޯ ނަސަންދުރައިގައި ކޭމްޕްކުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އުރުބާނީ ބުނީ އޭނާގެ ފުރަތަމަ އަމާޒަކީ ރަނގަޅު ޓީމެއް ބިނާކުރުން ކަމަށާއި އެކަން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.
ޓީމެއް އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން 160 އަށްވުރެ ގިނަ ކުދިން ބައިވެރިވި ޓްރަޔަލްސްއަށްފަހު، ފައިނަލް ސެލެކްޝަނާއި ހަމައަށް އައިސް ބައިނަލްއަގުވާމީ ދެ މެޗު ކުޅުމުގެ ފުރުސަތު ލިބުނުކަން އުރުބާނީ ފާހަގަކުރިއެވެ. އަދި އެ ދެ މެޗުން ބައިނަލްއަގުވާމީ ގޮތުން ރާއްޖެ އޮތް ހިސާބުގެ ތަސައްވަރެއް ކޮންމެވެސް ވަރަކަށް ފެނުނު ކަމަށް އޭނާ ބުންޏެވެ.
”މި އުމުރުފުރާ ވަރަށް ހާއްސަ. ސަބަބަކީ 20 އަހަރުން ދަށުގެ މި ޓީމުން ފެންނާނެ ފާހަގަ ކޮށްލެވޭ ތަފާތެއް ފިޒިކަލިޓީން އެހެން ޓީމުތަކާއި އަޅާބަލާއިރު. ޖުމްލަކޮށް އަހަރުމެންނަށް ކުރިއެރުންތައް ހޯދިއްޖެ“ ކަމަށް އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ މުބާރާތް ފެށުމުގެ ކުރިން އެއްޗެއް ބުނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ޓީމުގެ ކުޅުމާމެދު އެއްޗެއް ބުނަން އިނގޭނީ ދެ މެޗެއްވަރު ފަހުން ކަމަށެވެ. އެހެންނަމަވެސް ސާފް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ތިބީ ވަރަށް މޮޓިވޭޓްވެފައި ކަމަށާއި ވަރަށް އުންމީދާއެކުގައި ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ޓީމު އޮތް ހިސާބު ދެނެގަންނަން އޭނާއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އުރުބާނީ ބުނީ ޕާފޯމެންސާއި، ފިޒިކަލިޓީ އާއި ފިޓްނެސްއަށް ބަލާއިރު ރާއްޖޭގެ ޓީމަށް ޑިސްއެޑްވާންޓޭޖުތަކެއް އެބަހުރި ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
ރާއްޖޭގެ ޓީމާމެދު އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި އުފެދިފައިއޮތް ސުވާލަކީ ގިނަ ކުޅުންތެރިންނަށް އަހަރުތެރޭގައި ވާދަވެރި މެޗުތަކެއްގައި އެކަށީގެންވާ އަދަދަކަށް ކުޅެވިފައި ނެތުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
މިއީ ދިވެހި ސަޕޯޓަރުންނަށް ޒުވާން ކުޅުންތެރިންގެ ހުނަރު ބައިނަލްއަގްވާމީ މުބާރާތެއްގައި ބަލާލަށް ލިބޭ ތަފާތު ފުރުސަތެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. ރާއްޖޭގެ ލީގަކީ އަބަދުވެސް ތަފާތު މަންޒަރެއް ކަމަށާއި މުހިންމީ ބައިނަލްއަގްވާމީ މުބާތްތައް ކަން ފާހަގަކޮށް އުރުބާނީ ބުނީ ޓީމު އޮތް ހިސާބު ފެންނާނެ ތަނަކީ އެއީ ކަމަށެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އެންމެ ފުރަތަމަ ނިކުންނާނީ މުބާރާތް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ސްރީލަންކާއާއި ދެކޮޅަށެވެ.