ޚަބަރު

އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި


ޔަހޫދީ ދައުލަތާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ރައްދުގައި، އިންޑިޔާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިޔާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފިއެވެ. މި ކަން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުންނެވެ. އީރާނުން ފޮނުވައިލި މެދު-ރާސްތާގެ ދެ މިސައިލްގެ ތެރެއިން އެއް މިސައިލް އަމާޒަށް ނުފޯރައި ވެއްޓިފައިވާއިރު، ދެވަނަ މިސައިލް ދިފާޢުކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރަކުން، އަގުބޮޑު އިންޓަރސެޕްޓަރ މިސައިލެއް ބޭނުން ކޮށްގެންނެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޑިއޭގޯ ގާސިޔާގައި ހިންގާ އަސްކަރީ މަރުކަޒަށް އީރާނުން ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާ މި ދަނޑިވަޅުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ އީރާން ހަނގުރާމައާ މެދު ކުރިން ގެންގުޅުއްވި ސިޔާސަތު ދޫކުރައްވައި، އެމެރިކާގެ ހަނގުރާމަވެރި ރޭވުންތަކަށް ފުރުޞަތު ދެއްވުމަށް ނިންމަވާފައެވެ. އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ޢައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް ކުރިން ސްޓާމަރ އިންކާރު ކުރައްވާފައިވީ ނަމަވެސް، އޭނާ ވަނީ ހަނގުރާމައިގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމަށް ނިންމަވާފައެވެ.

އޭނާ މި މޭރުމުން ސިޔާސަތު ބަދަލު ކުރައްވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕް ވަނީ އިނގިރޭސިވިލާތުގެ ނަން ހާމަކޮށް، ފާޑުކިޔުންތައް އަމާޒު ކުރައްވައި، ހަނގުރާމައި ބައިވެރިވުމަށް ސްޓާމަރއަށް ފިއްތުންތައް ކުރިމަތި ކުރައްވާފައެވެ. ސްޓާމަރގެ ނިންމެވުމާ އެކު، ޑިއޭގޯ ގާސިޔާގެ އިތުރުން އިނގިރޭސިވިލާތުގެ އެހެން އަސްކަރީ މަރުކަޒެއް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް މި ވަނީ ދީފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމާ އެއް ފަދަ އަމަލެއް ކަމުގައެވެ. އަދި، އީރާނުން އަމިއްލަ ސިޔާދަތު ޙިމާޔަތްކުރުމުގައި ފަސްނުޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ސްޓާމަރގެ ސަރުކާރުން އެމެރިކާއާ އެއްބައިވެ، އެހީތެރިވުމަށް ނިންމި ނަމަވެސް، އިނގިރޭސިވިލާތުގެ ޢާންމު ރައްޔިތުންގެ މެދުގައި މި ހަނގުރާމައަށް އޮތީ ބޮޑު ނުރުހުމެކެވެ. އިނގިރޭސި ސަރުކާރުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި އެ ޤައުމުގެ %59 ރައްޔިތުން އެމެރިކާއާއި ޔަހޫދީންގެ ހަނގުރާމައާ ދެކޮޅެވެ. ސަރަޙައްދީ ހަމަޖެހުން ނަގައިލުމަށް އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން ކުރާ މަސައްކަތަށް ދުނިޔޭގެ ރައްޔިތުންގެ ތާޢީދު ނެތްކަން މި ކަމުން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.