ބާސެލޯނާގެ ގޯލްކީޕަރު ޖޯން ގާސިއާ އެންމެ ފަހުން ސްޕޭނުގެ ގައުމީ ޓީމަށް ނަގައިފި އެވެ.
އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެންމެ ފަހުކުގެ އެކުވެރިކަމުގެ މެޗުތަކަށް ނެގި ޓީމުން ގާސިއާއާއެކު ކޯޗު ޑެލަފުއެންޓޭ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުގައި ތިބި ތިން ކީޕަރުންނަށް ޖާގަ ދީފަ އެވެ. އެއީ އެއްވަނަ ކީޕަރު އެތްލެޓިކް ބިލްބާއޯގެ އުނާއީ ސިކޮން އާއި އާސެނަލްގް ކީޕަރު ޑޭވިޑް ރާޔާ އާއި އެލެކްސް ރެމިރޯ އެވެ. ޑެލްފުއެންޓޭ އަށް ގޯން ގާސިއާ ގައުމީ ޓީމަށް ނަގަން ޕްރެޝަރު ބޮޑުވެފައިވައި ވަނިކޮށް އޭނާ ގައުމީ ޓީމުން ޖާގަ މިދިނީ ވަރަށް މޮޅަށް ކުޅެމުން ދަނިކޮށެވެ.
"އޭނާ އަކީ އަހަރެން ދަންނަ ކީޕަރެއް. އޭނާ ވަނީ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ފަސް އަހަރު ހޭދަކޮށްފައި. އޭނާ މި ޓީމަށް ދިރުން ގެނެސްދޭނެ. އޭނާގެ ފަރާތުން ޓީމަށް ރަނގަޅު ކަންތައްތަކެއް ފަހިވާނެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނެ އިތުރަށް. ޓީމުގައި އޭނާއާއެކު މިހާރު ހަތަރު ކީޕަރުން އެބަތިބި. އެންމެނަކީ ވެސް މޮޅު ކީޕަރުން. އެކަމަކު ވޯލްޑް ކަޕަށްދާ ޓީމުން ޖާގަ ލިބޭނީ ތިން ކީޕަރުންނަށް. ކޮންވެސް އެކަކު ކަޓާނެ،" ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ވަނީ 24 އަހަރުގެ ކީޕަރު ގާސިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"އޭނާ އަކީ ވަރަށް އަވަސް ކުޅުންތެރިއެއް. މިވަގުތު އޭނާ ދަކީ މޮޅަށް ކުޅެމުން. އޭނާގެ ޓައިމިންތައް ވަރަށް ފުރިހަމަ. އަދި ގޯލް ބެލެހެއްޓުމުގައި އޭނާ ވަނީ ވަރަށް ބޮޑު ގާބިލްކަމެއް ދައްކަމުން. މިހެންވީމާ އަށް އޭނާ އަށް މިވަގުތު ގައުމީ ޓީމުން ޖާގަ ހައްގު. އެކަމަކު ވަރަށް މޮޅު ހަތަރު ކީޕަރުން ތިބުމުން ކަޓާނީ ކާކުކަން ބުނަން އަހަރެންނަކަށް ނޭނގެ. އެކަމަކު މިއީ އެނާ ގައުމީ ޓީމަށް އަންނަންވީ އެންމެ ރަނގަޅު ވަގުތު ކަމަށް އަހަރެން ދެކެން،" ޑެލަފުއެންޓޭ ބުންޏެވެ.
ސްޕޭނުގެ ގައުމީ ޓީމުގައި އާއްމުކޮށް ތިބެނީ ތިން ކީޕަރުންނެވެ. ނަމަވެސް ކޯޗު ބުނީ ގަވާއިދުތައް ހުންނަނީ މުގުރާލަން ކަމަށާއި މި ފަހަރު ހަތަރު ކީޕަރުން ހިމަނަން ޖެހޭ ކަމަށެވެ.
ކޯޗު ބުނީ ރެއާލް މެޑްރިޑްގެ ޑެނީ ކަވަލާހް މިފަހަރުގެ ސްކޮޑުގައި ނެތް ކަމަވެސް ވޯލްޑް ކަޕަށްދާ ޓީމުން ޖާގެ ލިބިދާނެ ކަމަށެވެ.
"މިވަގުތު ސްކޮޑުގައި ނުހިމެނުމަކީ އެއްވެސް މީހަކަށް ޖާގަ ގެއްލުމެއް ނޫން. އެންމެނަށް ވެސް ވޯލްޑް ކަޕް ސްކޮޑުގައި ހިމެނެން ފުރުސަތު އެބައޮތް. އެކަމަކު ތެދެއް. މޮޅު ކުޅުންތެރިން ގިނަވުމުން އަހަރުމެންނަށް ކުޅުންތެރިން އިހްތިޔާރު ކުރުމުގައި އުނދަގޫތަކެއް އެބަހުރި. އެކަމަކު އެމެރިކާ ވޯލްޑް ކަޕަކީ އުނދަގޫ މުބާރާތަކަށްވާނެއިރު ތަފާތު ވައްތަރުގެ ކުޅުންތެރިން ޓީމުގައި ތިބެފިނަމަ އެޑްވާންޓޭގެ ބޮޑުވާނެ،" ކޯޗު ބުންޏެވެ.
ސްޕޭނަކީ އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަނުންނެވެ. އެ މީހުންގެ އަމާޒަކީ މި ފަހަރުގެ ވޯލްޑް ކަޕެވެ.