ތަޢުލީމު

ސައިބަރ ސެކިއުރިޓީއާ ސައިބަރ ލޯ އާ ގުޅޭ ސެމިނަރއެއް ބާއްވަވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން އިންތިޒާމުކުރައްވައިގެން ސައިބަރ ސެކިއުރިޓީ އަދި ސައިބަރ ލޯ އާ ގުޅޭ ސެމިނަރއެއް ބާއްވަވައިފިއެވެ.

މި ސެމިނަރއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރުން ސައިބަރ ސެކިއުރިޓީ އަދި ސައިބަރ ލޯ އަށް އަޙުލުވެރިކުރުވުމުގެ ގޮތުން ބޭއްވެވި ސެމިނާރއެކެވެ. މި ސެމިނާރގައި، ސައިބަރ ކްރައިމް ވައްތަރުތަކާއި، ސައިބަރ ކްރައިމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި މީހުންގެ ޢާންމު މަޢުލޫމާތު އިންޓަރނެޓު މެދުވެރިކޮށް ފެތުރުމުގައާއި، އަދި މިދާއިރާގައި ސަމާލުވާންވީ ކަންތައްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ސެމިނަރ ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، އިލެކްޓޯރޯނިކް ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރާ ފުޅާވެފައިވާއިރު، ޕާސްޕޯޓާއި ކޭޝް ކާޑް ފަދަ ވަޞީލަތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށް. އަދި އީމޭއިލާ، ކޮމްޕިއުޓަރާއި، އިލެކްޓްރޯނިކް ކާޑުގެ ޕާސްވޯޑް ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް ވައިސް ޗާންސެލަރ އެދިވަޑައިގެންނެވިއެވެ.

މި ސެމިނަރގައި މަޢުލޫމާތުދެއްވި ބޭފުޅުންގެ ތެރޭގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރާއި އަލްއުސްތާޛު ސައްޔިދު އިމްރާނާއި،  ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓުރުގެ ބޭފުޅުން ހިމެނެއެވެ. މި ސެމިނަރަގައި ފެކަލްޓީގެ ޝަރީޢާ އެންޑް ލޯ ގައި ކިޔަވަމުންދާ ދަރިވަރުން ބައިވެރިވެފައިވެއެވެ.