ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ވެސް މެންޗަސްޓަރ ސިޓީގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދިއިރު، މިއީ ކުޅުންތެރިން ދެއްކި ތައުރީފު ހައްގު ކުޅުމުގެ ސަބަބުން ހޯދި ހައްގު މޮޅެއްކަމަށް އެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފިއެވެ.
މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލް އިން ވަނީ އަމިއްލަ ދަނޑުގައި ސިޓީގެ މައްޗަށް 0-3 އިން ކުރިހޯދާފައެވެ. އަދި ދެވަނަ ލެގައި ރެއާލް އިން ސިޓީގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާބެލޯއާ ބުނީ، އުނދަގޫ ދުވަސްތަކެއްގައި، ދަށް ނަތީޖާތަކެއް ނެރުމަށްފަހު އަލުން ރެއާލް ރަނގަޅު ފޯމަކަށް އެޅި، މޮޅަށް ކުޅެމުންދަނީ އޭނާގެ ސަބަބުން ނޫން ކަމަށެވެ.
މިހާރު ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ވަނީ، ކުޅުންތެރިންގެ އެޓިޓިއުޑާއި، ކުރާ މަސައްކަތާއި ހުނަރާއި ފެންވަރުގެ ސަބަބުން ދައްކާ މޮޅު ކުޅުންކަމަށް އާބެލޯއާ ބުންޏެވެ.
ސިޓީ ފަދަ ޓީމެއް އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމާއި، ސިޓީގެ ސްކޮޑާއި ކޯޗު ޕެޕް ގާޑިއޯލާ އަކީ، ދުނިޔޭގެ ފެންވަރުގެ ބައެއްކަން ފާހަގަކޮށް، މިއީ ވަރަށް ބޮޑު ޗެލެންޗެއްގެ ގޮތުގައި ނެގި މެޗެއްކަން އޭނާ ހާމަކުރިއެވެ.
އާބެލޯއާ އިތުރަށް ބުނީ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ލެގުގައި ރެއާލް އާއި ސިޓީ ބައްދަލުކުރަން ގުރުން ކަނޑައެޅުނު ފަހުން، ދެ ލެގުން ވެސް ރެއާލް މޮޅުވާނެކަމަށް ޔަގީންކުރި މީހުން ވަރަށް މަދުވާނެ ކަމަށެވެ. އެއީ މި މެޗުގެ ވާދަވެރިކަން ހާމަކޮށްދޭކަމެއް ކަމަށް އާބެލޯއާ ބުންޏެވެ.
އެހެންކަމުން މި ދެ މޮޅާއެކު ކުއާޓަރ ގެ ޖާގައެއް ރެއާލްއަށް މިހާރު ލިބިފައިވާއިރު، އެކަމަށްޓަކައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ވެސް އޭނާ ބުންޏެވެ.
އެގްރިގޭޓު، 1-5 އިން ރެއާލް އިން ސިޓީގެ މައްޗަށް ހޯދި މޮޅާއެކު ރެއާލް އިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ކުއާޓަރ ފައިނަލުގައި ރެއާލް ކުޅެން ޖެހޭނީ ބަޔާން މިއުނިކާއި އެޓަލާންޓާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެކު.