ދުނިޔެ

އިރާޤުގެ މޫސަލް މިނިވަންކުރުމަށް އިނގިރޭސިވިލާތުން އެހީވަނީ


ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސްގެ އަތްދަށުން އިރާޤުގެ ރަށެއްކަމަށްވާ މޫސަލް މިނިވަންކުރުމަށް ހިންގާ އޮޕަރޭޝަންގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފިއެވެ.

އައިއެސްގެ އަތްދަށުން މޫސަލް މިނިވަން ކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް އިރާޤާއި، އަދި ގުޅިފައިވާ އެމެރިކާގެ އަސްކަރީ ފައުޖުންދަނީ ތައްޔާރުވަމުންނެވެ. މި އޮޕަރޭޝަންގައި އިނގިރޭސިވިލާތުން ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދޭނެކަމަަށް ވަނީ ބުނެފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވާ، އިނގިރޭސި ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ހަރަކާތްތެރިވަނީ ސައިޕްރަސްގެ ވައިގެ މަރުކަޒެއް ބޭނުންކޮށްގެންނެވެ.

ޓެރަރިސްޓުންގެ އަތްދަށުން މޫސަލް މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގައި އިރާޤު ސިފައިން ދާދިފަހުންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން، މޫސަލް ކައިރީގައި އޮންނަ ރަށެއްކަމަށްވާ ޝިރްޤަތު މިހާރުވަނީ އިރާޤު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި، މޫސަލް މިނިވަންކުރުމަށް ހިންގާ ޚާއްޞަ އޮޕަރޭޝަން އަންނަ އޮކްޓޫބަރު މަހު ފަށާނެކަމަށް އިރާޤުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިރާޤުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ މޫސަލް، އައިއެސް ޖަމާޢަތުގެ ބާރުގެ ދަށަށް ދިޔައީ 2014 ވަނަ އަހަރުއެވެ.