ކުޅިވަރު

އެމްބާޕޭ ކުޅޭނެ، ބެލިންހަމް ނުކުޅޭނެ


ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފޯވަޑް ކީލިއަމް އެމްބާޕޭ ކުޅުނަސް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ނުކުޅޭނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅޭ މި މެޗަށް ނުކުންނައިރު ރެއާލް ވަނީ 3-0ގެ ލީޑެއް ހޯދައިފަ އެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެގެންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން އެމްބާޕޭ އާއި ބެލިންހަމް ނުކުޅެ އެވެ. ނަމަވެސް މި ދެ ކުޅުންތެރިން ވަނީ ޓީމާއެކު މިހާރު އިނގިރޭސިވިލާތުގަ އެވެ.

"އެންމެ މޮޅު ކުޅުންތެރިން ޓީމަށް ކުރިއެރުން ގެނެސްދޭ. އެކަމަކު އެކަން ގިނަ ފަހަރު ވަނީ ޓީމު ނެރޭ ނަތީޖާއަކަށް. މިރޭ ބެލިންހަމް ނުކުޅޭނެ. އޭނާ ޓީމާއެކު މިތަނަށް އައީ ކުޅުންތެރިންނާއެކު އިނގިރޭސިވިލާތަށް އަންނަން ބޭނުންވެގެން. އޭނާ ޓީމާއެކު ހުރުމަކީ ލިބޭ ހިތްވަރެއް،" ކޯޗު އަލްވާރޯ އާބެލޯއާ ބުންޏެވެ.

ފްރާންސްގެ ފޯވަޑް އެމްބާޕޭ ނެތި ރެއާލް 3-0އިން މޮޅުވެފައިވާތީވެ މިރޭގެ މެޗުގައި އޭނާ ކޮންމެހެން ކުޅުވަން ޖެހޭތޯ އެހުމުން އާބެލޯއާ ބުނީ އެމްބާޕޭ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

"އޭނާ އަކީ ޓީމަށް ތަފާތުތަކެއް ގެނެސްދޭ ކުޅުންތެރިއެއް. އޭނާގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވާނެ. އޭނާ މިރޭ ކުޅޭނެ. އެކަން ޔަގީން. އޭނާ ނެތިދިޔަ މެޗުގައި ރަނގަޅު ކުޅުންތެރިން ވަނީ މޮޅަށް ކުޅެފައި. އެކަމަކު އޭނާ އައުމުން އިތުރަށް ޓީމު ވަރުގަދަވާނެ،" އާބެލޯއާ ބުންޏެވެ.

އޭނާ އަދި ބުނީ ފުރަތަމަ މެޗުގައި ތިން ލަނޑުން މޮޅުވިޔަސް މިރޭގެ މެޗު ވަރަށް ނުރައްކާ ވާނެ ކަމަށެވެ.

"އަހަރުމެން ފަސޭހަ ނުކުރާނަން. ކުރީ މެޗަށްވުރެ އަހަރުމެން މި މެޗުގައި އިތުރަށް ސަމާލުވާނަން. ސަބަބަކީ ސިޓީ އަކީ ވަރަށް މޮޅު ޓީމެއް. އެ މީހުން ކޮންމެ ފަދަ ނަތީޖާއެއް ވެސް ނެރެފާނެ،" އާބެލޯއާ ބުންޏެވެ.