މުޖުތަމަޢުގައި އިންސާނިއްޔަތުކަން އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި މޯލްޑިވްސް ރެޑްކްރެސެންޓުން އިންތިޒާމްކޮށްގެން ވިލިމާލޭގައި ހިއުމަނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ހިންގައިފިއެވެ.
އިންސާނިއްޔަތައް މަސައްކަތްކުރާ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މިއަދު ހަވީރު ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ބޭއްވި މި ޙަރަކާތުގެ ތެރެއިން ރެޑް ކްރެސެންޓުން ހިންގާ ކަންތައްތަކަށް ފަންޑް ހޯދުމަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގާފައިވެއެވެ. މީގެއިތުރުން ފަސްޓް އެއިޑާ ގުޅޭ މަޢުލޫމާތު ދިނުމާއި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ ތަފާތުކުރުންތައް ދެނެގަނެ އެކަންކަމާގުޅެ މަޢުލޫމާތު ދިނުން ކުރިއަށްގެންގޮސްފައިވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިޙަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތެއްކަމުގައިވާ ޙަސަން މުޙައްމަދު ބުނީ މި ޙަރަކާތުގެ މަޤްޞަދަކީ ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އެންމެހައި ފަރުދުން ގުޅިގެން އިންސާނިއްޔަތަށް މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުންކަމަށެވެ.
މި ފެސްޓިވަލް ތެރޭގައި ކުޑަކުދިންނަށް ޙާއްޞަ ޙަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.