ޚަބަރު

ބެޑްމިންޓަން ވެޓެރަންސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މިއީ ވެޓެރަންސް ކެޓަގަރީއަށް ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެއް

  • ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ސީނިއާ މިކްސްޓީމް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ވެޓެރަންސް ކެޓެގަރީގައި ބެޑްމިންޓަންގެ އެކި އެކި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް ބީއޭއެމް އިން ބުނެއެވެ. މި މުބާރާތް އޮންނާނީ 07 އޭޕްރިލު 2026 އިން 12 އޭޕްރިލުގެ ނިޔަލަށެވެ.

މި މުބާރާތަކީ 40 އަހަރުން މަތީގެ ފިރިހެން ކުޅުންތެރިންނަށާއި 35 އަހަރުން މަތީގެ އަންހެން ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މިކްސް ޓީމް މުބާރާތެކެވެ.

ބީއޭއެމް އިން ބުނީ، މި މުބާރާތުގެ މަޤްޞަދަކީ އެންމެހާ ފަރާތްތަކަށް ވާދަވެރި ރޫޙެއްގައި ބައިވެރިވެ ބެޑްމިންޓަންގެ މަޤްބޫލުކަން އިތުރުކުރުމާއި އެއްތަނަކަށް އެއްވެ ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން 19 މާރިޗު ވާ ބުރާފަތި ދުވަހުގެ 16:00 ގެ ކުރިން ބީއޭއެމް އަށް ފޯމު ހުށަހަޅަން ޖެހެއެވެ.

އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅާނަމަ، ބީއޭއެމްގެ ރަސްމީ އީމެއިލް އެޑްރެސް، [email protected] އަށް ފޯމު އީމެއިލު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.