މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނޭކަމަށް ޔޫތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމް ވިދާޅުވީ، މިއަހަރުވެސް ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ޒުވާނުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ނިންވަމާފައިވާކަމަށެވެ. އަދި ރަސްމީ ޙަފްލާއެއްގެ ގޮތުގައި ޒުވާނުންގެ އެވޯޑް ދެއްވުމުގެ ޙަފްލާ ބޭއްވެވި ނަމަވެސް ،އަތޮޅުތެރޭގައި ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތައް ހިންގަވާނޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ ދުވަހެއް ފާހަގަކުރާއިރު، އެކި ދާއިރާތަކުން ޤާބިލް ޒުވާނުންގެ މަސައްކަތް ފާހަގަކޮށް، ހިތްވަރުދެއްވުމަކީ، މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ވަރަށް ކައިރި މުސްތަޤްބަލެއްގައި ޒުވާނުންގެ އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާލައްވާނޭކަމަށެވެ. އަދި މިކަންކަން ކުރިޔަށް ގެންދަވާނީ، ޒުވާނުން ހިމެނޭ ގޮތައް ސަރުކާރުން ޢައްޔަން ކުރައްވާފައިވާ ޚާއްޞަ ކޮމިޓީއަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެވޯޑް ދިނުމާއި އެވޯޑް ދޭނެފަރާތްތައް ކަނޑައަޅާނީ ސެލެކްޝަން ކޮމިޓީގެ އެހީގައި. ކުޅިވަރާއި ޒުވާނުންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ޒުވާނުން ހިމެނޭ ގޮތައް އެކުލަވާލާ ސެލެކްޝަން ކޮމިޓީއެއް މިއީ. ދެން ޒުވާނުންގެ އެވޯޑްގެ އިތުރުންވެސް ކުރިޔަށް އޮތް ތަނުގައި ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އަތޮޅުތެރޭގައި، ޚާއްޞަކޮށް އެކި ޞަރަޙައްދުތަކުގައި، ކުޅިވަރުތަކާއި ޒުވާނުންނާއި ގުޅުންހުރި އެކި ޙަރަކާތްތައް ކުރިޔަށް ގެންދާނަން. އަދި ޒުވާނުންގެ މަރުކަޒުތަކާއި، ކައުންސިލްތަކާއި، އެކި ދާއިރާތައް ނިޞްބަތްވާ އިއްޒަތްތެރި މަޖްލިސް މެމްބަރުންގ އެހީތެރިކަމާއެކު، ވީހާވެސް ކުލަގަދަ ގޮތެއްގައި އަތޮޅު ތެރޭގައި ޒުވާނުންގެ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ގެންދާނަން." މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 17 ވަނަ ދުވަސް ސަރުކާރުން ކަނޑައަޅުއްވާ އިޢުލާން ކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެދުވަހު ދެއްވާ ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިއްމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާ ހުރި އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގިދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދޭ ޚާއްޞަ އެވޯޑާއި ސެޓްފިކެޓާއި 25000 ރުފިޔާގެ ފައިސާގެ އިނާމެއް ސަރުކާރުން ދެއްވައެވެ.