ތަޢުލީމު

"ފާދިއްޕޮޅު އަދަބީ ޢީދު" ފަށައިފި


ދިވެހިބަހުގެ އެކެޑަމީން އަތޮޅުތަކުގައި ބާއްވަވާ ތިންވަނަ އަދަބީޢީދު ފާދިއްޕޮޅު ނައިފަރުގައި ރަސްމީގޮތުން ފަށްޓަވައިފިއެވެ.

"ފާދިއްޕޮޅު އަދަބީ ޢީދު"ގެ ނަމުގައި ފެއްޓެވި މި އަދަބީ އީދުގައި ޅ. އަތޮޅުގައި ހިމެނޭ ހަތަރު ރަށުގެ ސްކޫލްތައް ވަނީ ބައިވެރިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުން ދިވެހިބަހާއި އަދަބިއްޔާތަށް އިތުރަށް އަހްލުވެރިކުރެއްވުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ދިވެހިބަހުގެ އެކަޑަމީން ބާއްވަވަމުން ގެންދަވާ އަދަބީ ޢީދުތަކަކީ، އަދަބީ ގިނަ ޙަރަކާތްތަކެއް ހިމަނުއްވައިގެން އެއަތޮޅެއްގެ ހުރިހާ ސްކޫލެއްގައި ފާހަގަކުރައްވާ ޢީދެކެވެ.

ފާދިއްޕޮޅު އަދަބީ ޢީދުގެ ނަމުގައި ފެއްޓެވި މިޢީދުގެ ރަސްމީ ޙަރަކާތްތައް ފެށިގެންދިޔައީ ދިވެހިބަހާއި، އަދިބިއްޔާތާއި ރާއްޖޭގެ އަދަބީ ދާއިރާގައި ފާހަގަކޮށްލެވޭ ދިވެހި ޤައުމަށް ފައިދާ ހުރި  ދަރިންތަކެއް އުފައްދާފައިވާ މުޅި ޅ. އަތޮޅު އެސްކޫލަކަށް ފަޚުރުވެރިވާ ނައިފަރު މަދަރަސަތުލް އިފްތިތާޙްގައި މިކަމައްޓައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޅ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ، ދިވެހިބަހުގެ އެކެޑަމީން ޅ. އަތޮޅުގައި އަދަބީ ޢީދެއް ފާހަގަކުރައްވާކަމީ ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށް ދެއްވާ ސަމާލުކަން ފެނިގެންދާ ކަމެއްކަމަށެވެ. އަދި މި އަދަބީ ޢީދުގެ ސަބަބުން ޅ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ބަހާއި އަދަބިއްޔާތުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުފެންވަރުގައި ކޮންމެ އަހަރަކުވެސް އަދަބީ ޢީދެއް އަތޮޅު ކައުންސިލުން އިސްނަންގަވައިގެން ފާހަގަކުރައްވާނެކަން ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ރައީސް ވަނީ ޢިއުލާންކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިފަދަ އަދަބީ ޢީދެއް ފާހަގަކުރެއްވުމުގެ މަޤްޞަދު ޙާޞިލުވާނީ، އެ އަކެޑަމީން ފަށްޓަވައިދެއްވާ މިފަދަ ޙަރަކާތްތައް ރަށުފެންވަރުގައާއި، އަތޮޅުފެންވަރުގައި ސްކޫލްތަކުން ފާހަގަކޮށް މިފަދަ ޙަރަކާތްތައް ސްކޫލް ދަރިވަރުންނަށް އިތުރަށް ފަހިކޮށްދީ ދިވެހި އަދަބިއްޔާތައް ސްކޫލް ދަރިވަރުންނަކީ މޮޅު ދަރިވަރުންތަކަކަށް ހެދިގެންކަމަށެވެ.

ނައިފަރުގައި ކުރިއަށް ގެންދަވާ ތިންދުވަހުގެ މި އަދަބީ ޢީދުގެ ތެރޭގައި ހިމަނުއްވައިގެން ޚާއްޞަ ފޮތް މަޢުރަޒެއްވެސް ވަނީ ހުޅުއްވާފައެވެ. އަދި "ތާރީޚީ ގޮތުން ފާދިއްޕޮޅު" މިނަމުގައި ވަނީ ޅ. އަތޮޅަށް ޚާއްޞަ ފޮތެއްވެސް ނެރުއްވާފައިވެއެވެ.

ފާދިއްޕޮޅު އަދަބީ އީދު ފެއްޓެވީ ޅ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ ނޫސްކޮންފަރެންސަކުންނެވެ. އަދި އަތުލިޔުމުގެ މުބާރާތް ފަދަ ޙަކާތްތަކަކާއި ޅެންހެދުމުގެ މުބާރާތްތަކާއި، ޘަޤާފީ ހަވީރުތަކާއި ތަފާތު ވާދަ މުބާރާތްތަކެއް މިއަދަބީ ޢިދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވަނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޚާއްޞަ ބޭފުޅުންނެވެ.

ފާދިއްޕޮޅު އަދަބީ ޢީދު ފާހަގަކުރައްވަމުން ގެންދަވަނީ، އެއަތޮޅުގެ ރިޒޯޓެއްކަމުގައިވާ އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސްއާއި، ޅ. އަތޮޅުކައުންސިލާއި، ނައިފަރުގައި ހުރި ސަރުކާރުގެ މުއްސަސާތަކާއި މަދަރަސަތުލް އިފްތިތާޙް ހިމެނޭހެން ޅ. އަތޮޅު ސްކޫލްތަކުގެ އެހީތެރިކަމާ އެކުކަމަށް، ދިވެހިބަހުގެ އެކަޑަމީން މަޢުލޫމާތުދެއްވައެވެ.