ޚަބަރު

ޔަހޫދީން ޙަމަލާތައް އީރާނުގެ ހަސްފަތާލުތަކަށް


އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނުގެ ރައްދުގައި، ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދެވިފައިވާކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ އަސްކަރީ މުޙިންމު މަރުކަޒުތަކަށް ޙަމަލާތައް ޢަމަޒުކުރަން ފަށައިފައެވެ.

މިގޮތުން، ބިލްމަތުޝިމް އާއި ޢޫފްދާގައި ހުންނަ ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތައް ދެވިފައިވާކަމަށް އީރާނުން ބުންޏެވެ. މީގެއިތުރުން، ޔަހޫދީންގެ ދާޚިލީ ސަލާމަތާބެހޭ ގޮފި ޝީންބީތުގެ މައި މަރުކަޒަށް ވެސް ޙަމަލާތައް ޢަމަޒުކޮށްފައިވާކަމަށް ބުނެފައެވެ.

އީރާނުގެ އިތުރުން، ލުބްނާންގައި ޙަރަކާތްތެރިވާ މުޖާހިދުން ޖަމާޢަތް، ޙިޒްބުﷲއިން ވެސް ދަނީ ޔަހޫދީންގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ޢަމާޒުކުރަމުންނެވެ.

އެކަމާ ގުޅިގެން ޔަހޫދީންގެ ޙަމަލާތައް ވެސް ވަރުގަދަކޮށްފައިވާއިރު، އެ ނިރުބަވެރި ޙަމަލާތައް މިހާރު ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޢަމާޒުކުރަމުންދާކަމަށް އީރާނުގެ ސިއްޙީ ވަޒީރުގެ ނައިބު ޢަލީ ޖާފާރިޔާން ވިދާޅުވިއެވެ. ހަސްފަތާލު ފަދަ ސިއްޙީ މަރުކަޒުތަކަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމްވާ ޢާންމުންގެ އެތައް ބަޔަކަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ފެށި ފަހުން، 2،000 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުން ލަފާކޮށްފައިވާއިރު، އޭގެތެރެއިން 1،300އަށް ވުރެ ގިނަ މީހުންނަކީ ޢާންމުން ކަމަށް ޖާފާރިޔާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ނިރުބަވެރި ޢުދުވާނު ފެށިފަހުން، އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި 31 ސިއްޙީ މަރުކަޒަކަށް ޔަހޫދީން ވަނީ ޙަމަލާދީފައެވެ. އޭގެތެރެއިން 12 ހަސްފަތާލެއްގެ ޚިދުމަތް މިހާރު އެކީގައި ހުއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ، މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ މީހުން ދިރިއުޅޭ އެކި ހިސާބުތަކުގައި 20،000އަށް ވުރެ ގިނަ ގެދޮރަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.