ޚަބަރު

ސާފް ޗެމްޕިއަންޝިޕަށް ޓީމުތައް އަންނާނީ މިމަހު 21ގައި


  • އެންމެ އަވަހަށް އަންނާނީ ލަންކާ ޓީމު

  • ޓީމުތަކުގެ އެކޮމޮޑޭޝަން ހަމަޖައްސާފަިއވަނީ ބާސެލޯ ނަދަންދުރައިގައި

މާޗް 23 ން 3 އޭޕްރީލަށް މާލޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ޓީމުތައް މާޗް 21 ގައި މާލެ އަންނަން ހަމަޖެހިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތު ދޭ ގޮތުގައި މާޗް 21 ވާ ހޮނިހިރު ދުވަހުގެ އެކި ގަޑިތަކުގައި ހުރިހާ ޓީމުތަކެއް މާލެ އަންނާނެއެވެ. ޓީމުތަކުގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. ކޮންމެ ޓީމަކުންވެސް 23 ކުޅުންތެރިންނާއެކު ގާތްގަނޑަކަށް 7 އޮފިޝަލުން އަންނާނެ ކަމަށް ބެލެވޭ ކަމަށް އެފްއޭއެމުން ބުނެއެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، ބޫޓާން، ޕާކިސްތާން، ސްރީލަންކާ، ނޭޕާލް އިންޑިއާއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އެންމެ ފުރަތަމަ ރާއްޖެ އަންނާނީ ސްރީލަންކާ ޓީމެވެ. ލަންކާ ޓީމު ރާއްޖެ އަންނާނީ އެދުވަހު ހެނދުނެވެ. އެ ދުވަހު ހަވީރާ ހަމައަށް ހުރިހާ ޓީމުތަކެއް އަންނަން ހަމަޖެހިފައިވާއިރު، އެންމެ ފަހުން އަންނާނީ އިންޑިއާ ޓީމެވެ. އިންޑިއާ ޓީމު އަންނާނީ އެދުވަހުގެ ހަވީރެވެ.

ޓީމުތައް ފުރުމަށް ހަމަޖެހިފައިވަނީ 29 މާޗް އަދި 04 އޭޕްރީލުގައެވެ. ބޫޓާން، ޕާކިސްތާން އަދި ސްރީލަންކާ ޓީމު އެނބުރި ގައުމަށް ދާނީ 29 މާޗްގައެވެ. ބަނގްލަދޭޝް، ނޭޕާލް، އިންޑިއާ އެނބުރި ގައުމަށް ދާނީ 04 އޭޕްރީލުގައެވެ.

މިފަދަ ބައިނަލްއަޤުވާމީ ބޮޑު ފުޓުބޯޅަ މުބާރާތެއް ގަލޮޅު ދަނޑުގައި މި ބާއްވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރަށް ފަހު ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވީ 2021 ވަނައަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ.