އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިޔަން ޑޮލަރު ޚަރަދުވެފައިވާ ކަން، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ އަންދާޒާތަކުން ދައްކައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސްވާރުން މި މަޢުލޫމާތު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރެއްވީ މާރިޗު 10 ވަނަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. ނަމަވެސް، ހަނގުރާމަ ފެށުމުގެ ކުރިން ޖަމާކުރި ހަތިޔާރާއި ސިފައިންގެ ޚަރަދުތައް މީގެތެރޭގައި ނުހިމެނުމާ އެކު، އަސްލު ޚަރަދު މިއަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. އަދި، އީރާނުން ދަނީ އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ރައްދު ޙަމަލާތައް ދެމުންނެވެ. މިގޮތުން ގަލްފު ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދޭ ޙަމަލާތަކާ ގުޅިގެން މަސްރަޙް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
މި ޙަމަލާތަކުގެ ސަބަބުން ޢިރާޤުން ތެޔޮ ބޭރުކުރުމަށް ބޭނުން ކުރާ ބަނދަރުތައް ބަންދުކޮށްފައިވާއިރު، ސަޢޫދީ ޢަރަބިއްޔާ، ކުވަޔިތު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރަޔިނުން ދަނީ، އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ޙަމަލާތައް ދިފާޢު ކުރަން މަސައްކަތް ކުރަމުންނެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވާނީ އީރާނުގެ ޙައްޤުތައް ބަލައިގަނެ، ބަދަލު ދިނުމާއެކު، އީރާންގެ ސިޔާދަތު ރައްކާތެރި ކޮށްދޭނެ ކަމުގެ ބައިނަލްއަޤުވާމީ ޔަގީންކަން ލިބުމުން ކަމުގައެވެ. މީގެ އިތުރުން، ހުރްމުޛް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުތަކަށް ރައްކާތެރިކަން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޢުދުވެ ވަޑައިގެންފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް 200 އެމެރިކާ ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
މި ހަނގުރާމައިގައި އީރާނުން މިހާތަނަށް 1,255 މީހުން ޝަހީދުކޮށްލައި، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ ތެރޭގައި މިނާބްގެ އަންހެންކުދިންގެ މަދަރުސާއަކުން ޝަހީދުކޮށްލި 168 ކުދިންނާއި އިތުރު 200 އެއްހާ އަންހެނުން ހިމެނެއެވެ. އަދި، ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ޝަހީދު ކޮށްލާފައިވާ 11 މީހަކާއި، ޒަޚަމު ކޮށްލާފައިވާ 55 މީހުން ހިމެނޭ ކަމުގައި އީރާނުން ހާމަކުރިއެވެ. އީރާންގެ ރައްދު ޙަމަލާތަކުގައި ޔަހޫދީންގެ 13 މީހަކު މަރައިލައި، އިތުރު 1,929 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، އެމެރިކާ ސިފައިންގެ އަށް މީހުން މަރައިލައި، އިތުރު 140 އެއްހާ ސިފައިން ވަނީ ޒަޚަމު ކޮށްލާފައެވެ.