ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު ރާއްޖެ ކުޅުނު ދެވަނަ އެކުވެރިކަމުގެ މެޗުން 6-2 ން ސިންގަޕޫރު މޮޅުވެއްޖެއެވެ.
ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި އެގައުމުގެ 19 އަހަރުން ދަށުގެ ޓީމު އަތުން އިއްޔެ ރާއްޖެ ބަލިވެފައިވާއިރު ފުރަތަމަ ހާފުގައި ސިންގަޕޫރު ވަނީ ދެ ލަނޑު ޖަހާފައެވެ. ރާއްޖެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 41 ވަނަ މިނިޓުގައެވެ.
ދެވަނަ ހާފުގައި ސިންގަޕޫރުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ދެވަނަ ހާފްގައި ފަރަގު ބޮޑުކުރީ ސިންގަޕޫރުގެ ހަރިތު ދާނިޝްގެ ހެޓްރިކުންނެވެ. ރާއްޖޭގެ ދެވަނަ ލަނޑަކީ އިތުރު ވަގުތުގައި ޖެހި ލަނޑެކެވެ. ރާއްޖެއަށް ލަނޑުތައް ޖަހައިދިނީ ނައްސާހު އިބްރާހިމް ނާސިރު އަދި އަނޫފު އަބްދުﷲއެވެ.
ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުރިޔަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރުގައި ކުރިޔަށް ގެންދިޔަ އެއްހަފްތާގެ ޓްރޭނިން ކޭމްޕުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ 3-4 ން މޮޅުވެފައެވެ. އެ މެޗުގައި ރާއްޖޭ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީއަށް ރަތްކާޑު ދެއްކުމުން ދެވަނަ މެޗުގައި ކުޅުންތެރިންނަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
މި ކޭމްޕްގެ ތެރެއިން ރާއްޖެ އާއި ސިންގަޕޫރު ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗު 4-3 ން ކާމިޔާބުކުރީ ރާއްޖެއިންނެވެ. ޓީމު އެނބުރި މާލެ އަންނާނީ މިއަދުގެ ވަގުތެއްގައެވެ.
ސިންގަޕޫރު 19 އަހަރުން ދަށުގެ ޓީމު ތައްޔާރުވަމުން ދަނީ އާސިއާން 19 އަހަރުން ދަށުގެ މުބާރާތަށެވެ. އެ މުބާރާތް އޮންނާނީ ޖޫން 1-14 އަށް އިންޑޮނޭޝިއާގައެވެ.
23 މާޗް އިން 3 އޭފްރީލްގެ ނިޔަލަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ސާފްގެ ހަތް މެންބަރު ގައުމު ބައިވެރިވާނެއެވެ. ރާއްޖެ ހިމެނެނީ ގުރޫޕް އޭގައި ސްރީލަންކާ، ބޫޓާން އަދި ނޭޕާލްއާއިއެކުގައެވެ. ގުރޫޕް ބީގައި ހިމެނެނީ ސާފް ޗެމްޕިއަންޝިޕް މީގެ ކުރިން ކާމިޔާބުކުރި ބަނގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.
ގަލޮޅު ދަނޑުގައި ކުޅޭ މިއަހަރުގެ މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.