ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފި


  • ދަތުރުތައް ކުރާނީ ބުރާސްފަތި އަދި އާދީއްތަ ދުވަހު

  • މޯލްޑިވިއަނުން މީގެކުރިންވެސް ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައިވޭ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ވިދާޅުވެފައިވަނީ، ބަންގްލަދޭޝަށް ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ ކަމަށެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.

މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައެވެ. މި ދަތުރުތައް މެދުކަނޑާލީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ދިޔައީ ބާއްވަމުންނެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ. މި 2 ގައުމުގެ 5 މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ދަނީ ބާއްވަމުންނެވެ. އަދި ޗުއްޓީއާއި ދިމާކޮށް ބައެއް އެހެން މަންޒިލްތަކަށްވެސް ސީޒަނަލް ދަތުރުތައް މޯލްޑިވިއަނުން ބާއްވައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 26 ބޯޓެއް ހިމެނެއެވެ. މީގެތެރޭގައި މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.