ޚަބަރު

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދަޢުވާކުރަނީ


  • މައިގަނޑު ދަޢުވާތައް އުފުލާފައިވަނީ ދެ މީހެއްގެ މައްޗަށް

  • ބީއެމްއެލަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި 8 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، ވީއައިއޭގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލައާ ގުޅިގެން ދެ ދުވަހެއްގެ މަތިން 8 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީ 8 އަދި 26 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި މައިގަނޑު ދައުވާތައް އުފުލާފައިވަނީ، ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު އަދި ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށެވެ. އެގޮތުން މާހިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާ، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އަދި މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. އަދި އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.

ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

1. ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި)
2. ޙުސައިން ޝަހުދު (ކ. ގުރައިދޫ)
3. މާޒިން މޫސާ (ލ. މާވައް)
4. އަޙްމަދު ރައިހާން ނަޢީމް (މ. ކޯރަސް)
5. އިބްރާހީމް އަނޫފް (ކ. ގުރައިދޫ)
6. އިސްމާޢީލް ސިރްހާން (ރ. މަޑުއްވަރި)

ޕީޖީ އޮފީހުން ވިދާޅުވީ، މި ދަޢުވާތައް އުފުލާފައިވަނީ އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ. މީގެ އިތުރުން، މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ފޭރުމުގެ މިއަމަލު ހިނގާފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހުގެ ފަތިހު 4:15 ހާއިރުއެވެ. އެގޮތުން ބީއެމްއެލްގެ ދެ މުވައްޒަފަކު އެއާޕޯޓުގެ އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، ވަޅިން ބިރުދެއްކުމަށްފަހު އެމީހުންގެ އަތުގައި އޮތް ފައިސާ ސޫޓްކޭސް ވަނީ ފޭރިގަނެފައެވެ. އެ ސޫޓްކޭހުގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.

އޭގެ ތެރޭގައި -/4,900 ޔޫރޯއާއި، -/1,735 ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 ޔޫއެސް ޑޮލަރާއި، -/23,778 ދިވެހި ރުފިޔާއާއި، -/25,000 އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން ހިމެނޭކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.