ޚަބަރު

ޔުނިޓީ ފުޓްސަލް: ޒެފަޔާ އާއި ފްރެންޑްސް ކުލަބު ސެމީއާ ގާތަށް


އައްޑޫ ސިޓީގައި މި ރަމަޟާން މަހު ކުރިއަށްދާ "ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2026" ގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުއްމީދު، ފްރެންޑްސް ކުލަބާއި އެފްސީ ޒެފަޔަރ އިން ބޮޑުކޮށްފިއެވެ.

މުބާރާތުގައި މި ދެޓީމު ހިމެނެނީ ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ އެމްއެފް ޔުނައިޓެޑާއި ޔުނައިޓެޑް މައިލޯ އަދި އައްޑޫ ސިޓީ ޕޮލިސް ޓީމެވެ.

މުބާރާތުގައި ފްރެންޑްސް ކުލަބުގެ ފުރަތަމަ މެޗުގައި ވަނީ އެމްއެފް ޔުނައިޓެޑުގެ މައްޗަށް 0-3 އިން ކުރިހޯދާފައެވެ.

ދެވަނަ މެޗުގައި ޕޮލިސް ޓީމާ ދެކޮޅަށް ނުކުތްއިރު، އަންގާރަ ދުވަހުގެރޭ ކުޅުނު އެ މެޗުން ފްރެންޑްސް ކުލަބު މޮޅުވީ 2-7 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ފްރެންޑްސް ކުލަބުގެ ލަނޑުތައް ޖަހައިދިނީ މުޙުސިން އާއި ސާޖިދުއާއި މޫސާގެ އިތުރުން އީތަން އަދި ރިޒްނީހާއި ނާފިއުއެވެ.

އައްޑޫ ސިޓީ ޕޮލިހުގެ ލަނޑުތައް ޖަހައިދިނީ އަޒާން އަދި އިމާހުއެވެ.

މުބާރާތުގައި އެފްސީ ޒެފަޔަރ އިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޔުނައިޓެޑް މައިލޯއާ ވާދަކޮށް 3-3 އިން އެއްވަރުވެފައެވެ. ދެވަނަ މެޗުގައި އައްޑޫ ސިޓީ ޕޮލިސް ޓީމާ ވާދަކޮށް 0-6 އިން ވަނީ މޮޅުވެފައެވެ.

މުބާރާތުގައި ޒެފަޔާ އިން ކުޅުނު ތިންވަނަ މެޗުގައި އަންގާރަ ދުވަހުގެރޭ އެމްއެފް ޔުނައިޓެޑް އަތުން 2-3 އިން ވަނީ ކުރިހޯދާފައެވެ.

މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޝާޝް އާއި އީމާނެވެ. އީމާން ވަނީ ދެ ލަނޑު ޖަހާފައެވެ. އެމްއެފް ޔުނައިޓެޑްގެ ދެ ލަނޑުވެސް ޖަހައިދިނީ އިއްސެއެވެ.

މި ނަތީޖާއާއެކު މި ގުރޫޕުގެ ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު، އެއްވަނައިގައި ޒެފަޔާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކު ފްރެންޑްސް ކުލަބު އޮތްއިރު ތިންވަނައިގައި ޔުނައިޓެޑް މައިލޯ އޮތީ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. އެމްއެފް ޔުނައިޓެޑުން ވެސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ތިން މެޗުން ވެސް ވީ ބައްޔާއެކު ލިބެނީ ތާވަލުގެ ހަތަރުވަނައެވެ. ފުލުގައި އޮތީ ދެ މެޗު ކުޅެ ޕޮއިންޓެއް ލިބިފައި ނުވާ ޕޮލިސް ޓީމެވެ.

ޕޮލިސް ޓީމުގެ މައްޗަށް އެމްއެފްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެއެވެ. މިރޭ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ.

ފުރަތަމަ މެޗުގައި މަރަދޫ ޔުނައިޓެޑާއި ހިތަދޫ ޕޯޓް ލިމިޓެޑް ބައްދަލުކުރާއިރު ދެވަނަ މެޗުގައި އެސްޓީ ސްޕޯޓްސް ނުކުންނާނީ މައިލޯ ސިޓީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

މިއީ ޔުނިޓީ ޗެލެންޖުގެ ނަމުގައި ޔުނިޓީ ފައުންޑޭޝަނުން މި މުބާރާތް ކުރިއަށް ގެންދާ ދެވަނަ އަހަރެވެ. މުބާރާތުގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުއެވެ.