ދުނިޔެ

އދ.ގެ 71ވަނަ ޢާއްމު ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ފެންނާނެބާ؟


ދުނިޔޭގެ މަސްރަޙަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބަހުސްކުރާ ޕޯޑިއަމް އާ ހަމައަށް ދުނިޔޭގެ ޤައުމުތަކުގެ އެންމެ އިސްވެރިން މިވަނީ ވަޑައިގެންފައެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ގިނަ ކަންތައްތަކެއްގެ މައްޗަށް އދ. ގެ ޢާއްމު މަޖިލީހުގައި ވޭތުވެދިޔަ ދެ ދުވަހުންފެށިގެން ދަނީ ފުޅާދާއިރާއެއްގައި ބަހުސްކުރަމުންނެވެ. މި ބަހުސްތަކުގެ ތެރެއިން އެއްޤައުމު އަނެއް ޤައުމަށް ހޫނުގަދަ ބަހުގެ ޙަމަލާތައް ދިނުމާއި، އެއް ޤައުމު އަނެއް ޤައުމަށް ރައްދު ދިނުން ވަނީ ފެނިގެން ގޮސްފައެވެ.

އދ. ގެ ޢާއްމު މަޖިލީހުގައި އެންމެ ފުޅާދާއިރާއެއްގައި މިއަހަރު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ރެފިއުޖީންގެ މައްސަލައިގައި ވިލާތުގެ އިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓަސްކް ވަނީ ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީންނަށް އެހީވުމުގައި ވިލާތުގެ ޤައުމުތަކުން ނަމޫނާ ނަގައިގެން އެހެން ޤައުމުތަކުންވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ވިލާތުގެ އިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓަސްކް ވިދާޅުވީ ރެފިއުޖީންގެ މައްސަލައަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް. އަދި މި މައްސަލައަށް އެދެވޭ ޙައްލެއް ގެނައުމަށް ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

ފާއިތުވެދިޔަ ދެދުވަހު ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް ޤައުމުތަކުގެ ވެރިން ދެއްކެވި ވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ވާހަކަފުޅުތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކޮ އޮބާމާގެ ވާހަކަފުޅު ހިމެނެއެވެ. އދ. ގެ ޢާއްމު މަޖިލީހުގައި އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޮބާމާއަށް ވާހަކަދައްކަވަން ލިބިލެއްވި އެންމެ ފަހު ފުރުޞަތުގެ ބޭނުން ހިއްޕަވާ، އިސްރާޢީލާއި ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށް އޮބާމާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ރަޝިޔާއިން އެޤައުމުގެ އަސްކަރިއްޔާ މެދުވެރިކޮށް އަވަށްޓެރި ޤައުމުތަކަށް ބާރުފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ އެކަން ކުއްވެރިކުރައްވާފައިވާއިރު، ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަށްވެސް އޮބާމާވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ކުޅޭ ދައުރަށް އިޝާރާތްކުރައްވާ ވިދާޅުވީ، މީގެ ކުރިން ނުފެންނަފަދަ ދަރަޖައަކަށް އދ. ގެ ޗާޓަރާ ޙިލާފަށް މެމްބަރު ބައެއް ޤައުމުތަކުން ޢަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވަމުންދާ މެމްބަރު ޤައުމުތައް ދެނެގަންނާނެ އުޞޫލެއް ޤާއިމްކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޢާއްމު މަޖިލީހުގެ ޕޯޑިއަމްގައި ތަޤްރީރު ކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވާހަކަފުޅުގައި އުތުރު ކޮރެޔާއިން މިއަހަރުތެރޭވެސް ނިއުކްލިއާ ޓެސްޓުތަކާއި މިސައިލް ޓެސްޓުތައް ކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، އެހެން ޤައުމުތަކާމެދު މިފަދަ ކަންކަމުގައި އަޅާ ފިޔަވަޅުތަކަށްވުރެ އުތުރު ކޮރެޔާއާމެދު އަޅާ ފިޔަވަޅުތައް ވަރަށް ބޮޑުތަން ފިނިވެފައިވާކަމަށެވެ. އަދި އުތުރު ކޮރެޔާގެ ފަރާތުން ކުރިމަތިވާ ނުރައްކަލާމެދު އދ. ން ދެގޮތެއްނުވާ ސިޔާސަތެއް ގެންގުޅެންޖެހޭ ކަމަށްވެސް އަބޭ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރެއިން ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ލީޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ޕޯޑިއަމްގައި ހުންނަވާ އިންޑިޔާއަށް ދެއްވި ބަހުގެ ހޫނު ޙަމަލާއެވެ. އިންޑިޔާ ޕާކިސްތާނުގެ ޒަމާންވީ ހަތުރުވެރިކަން ނައްތާލާ، ސުލްޙައަށް މަގުފަހިކުރުމަށް ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް އިންޑިޔާއިން ކުރިމަތިކުރަނީ "ޤަބޫލުނުކުރެވޭނެ" ފަދަ ބަހަނާތަކެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ޕާކިސްތާނުން މަސައްކަތް ކުރަނީ ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދީގެން ކަމަށާ، ޕާކިސްތާނުން ސުލްޙައަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރެފިއުޖީންގެ މައްސަލައިގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވުރެ ގިނަ މައްސަލަތަކަށް އެކި ޤައުމުތަކުގެ ވެރިންގެ ފެންވަރުގައި ބަދަލުކުރެވެމުންދާ ބަހުގެ ޙަމަލާތަކާއެކު އދ. ގެ މިއަހަރުގެ ޢާއްމު ބައްދަލުވުމުން އެދެވޭ ނަތީޖާއަކަށްވުރެ ބޮޑަށް، ދުނިޔޭގެ މަސްރަޙު އިތުރަށް ހޫނުވެދާނެ ކަމުގެ ކޮޅުމަތި މިހާރު މިވަނީ ފެންނަން ފަށާފައެވެ.