ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އަހަރީ އާންމު ޖަލްސާ 25 މާރިޗު 2026 ވާ ބުދަ ދުވަހު ބޭއްވުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ އެސޯސިއޭޝަނުން 10 ފެބުރުއަރީގައި ބޭއްވި ހިންގާ ކޮމިޓީގެ މި އަހަރުގެ ދެވަނަ ބައްދަލުވުމުގައެވެ.
ބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް މެމްބަރު ކުލަބު ޖަމުއިއްޔާތަކުގެ ތެރެއިން، 5 ނޮވެމްބަރ 2025 ގައި ފާސްކޮށްފައިވާ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާނެ ކުލަބު ޖަމުއިއްޔާއެއް ނެތުމުން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ފުރުޞަތު މި އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ ކުލަބު ޖަމުއިއްޔާ ތަކުގެ ތެރެއިން 15 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށް، 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވާ މެމްބަރުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން ބީއޭއެމްގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ މެންބަރު ކުލަބު ޖަމިއްޔާތަކުން ފޯމް ފުރިހަމަކުރުމަށްފަހު 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ.
މި ޖަލްސާގައި ބީއޭއެމްއިން މި އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުން އޮންނާނެއެވެ.
އެންމެ ފަހުން ބީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބޭއްވީ 2023 ވަނަ އަހަރުގެ މާރިޗް 25 ގައެވެ. ބީއޭއެމްގެ އަހަރީ އާންމު ޖަލްސާތައް ނުބޭއްވި މެދުކެނޑުނީ އެސޯސިއޭޝަނުގެ ހިންގުމުގެ މައްސަލަތަކާ ގުޅިގެން އިންތިހާބު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ. މިދިޔަ އަހަރު އެ އެސޯސިއޭޝަން އޮތީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ސަސްޕެންޝަނުގައެވެ.
ބީއޭއެމުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ދިން އެންމެ ރަނގަޅު އެސޯސިއޭޝަނުގެ އެވޯޑު ހޯދާފައެވެ.