ޚަބަރު

ޒަޚަމްވެފައިވާ އެމެރިކާ ސިފައިންގެ އަދަދު 150އަށް


ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި، އެމެރިކާ ސިފައިންގެ 150 ވަރަކަށް މީހުން ޒަޚަމުވެފައިވާ ކަމުގައި، އެމެރިކާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. މިއީ، ފެބުރުވަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާއަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން މީގެ ކުރިން ކޮށްފައިވާ ރިޕޯޓުތަކާ އަޅައިބަލާއިރު ވަރަށް މަތީ އަދަދެކެވެ.

އެމެރިކާގެ ދިފާާޢީ އިދާރާ، ޕެންޓެގަނުން މީގެ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގައި ޒަޚަމުވެފައި ވަނީ އެމެރިކާ ސިފައިންގެ އެންމެ އަށް މީހުންނެވެ. ނަމަވެސް، ޙަޤީޤަތުގައި އެމެރިކާ ސިފައިންގެ 150 މީހުން ޒަޚަމުވެފައިވާ ކަން، ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރަކުން ވަނީ ރޮއިޓަރސް ނޫސް އޭޖެންސީއަށް ކަށަަވަރު ކޮށްދީފައެވެ. މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕެންޓެގަނުން ވަނީ ޒަޚަމުވެފައިވާ މީހުންގެ އަދަދު މުރާޖާކޮށް، 140 ވަރަކަށް ސިފައިން ޒަޚަމުވެފައިވާ ކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް، މީގެ ތެރެއިން ބޮޑެތި ގޮވުންތަކާ ގުޅިގެން ސިކުނޑިއަށް ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.

އީރާންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އެ ޤައުމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފާއި ޢަރަބި ޤައުމުތަކުގައި ޤާއިމުކޮށްފައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާ ދެމުންނެވެ. އޭގެ ތެރޭގައި، އެމެރިކާގެ ޚާރިޖިއްޔާގެ އޮފީސްތަކާއި، އެއާޕޯޓުތަކުގެ އިތުރުން ތެލުގެ ސިނާއަތުގެ ބިނާރުތައް ވެސް ހިމެނެއެވެ. އީރާނުން ބުނީ، ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، އެ ޤައުމަށް ޙަމަލާ ދިނުމަށް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ކަމުގައެވެ.

އީރާނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއާއި މަޞްލަޙަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް، އެ ޙަޤީޤަތް ބަލައިގަންނަން އެމެރިކާއިން ދަނީ އިންކާރު ކުރަމުންނެވެ. އީރާނުގެ އަސްކަރިއްޔާއަކީ ބާރުގަދަ އަސްކަރިއްޔާއެއް ކަމުގައި ޤަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވީ، އީރާނުން ވަރުގަދަ ރައްދު ޙަމަލާތަކެއް ދެމުން ދިޔަ ނަމަވެސް، އެއީ އެމެރިކާއިން ފަސްޖެހޭ ވަރުގެ ޙަމަލާތަކެއް ނޫން ކަމުގައެވެ. ނަމަވެސް، އެމެރިކާއާއި ޔަހޫދީންގެ ބާރުގަދަ އަސްކަރިއްޔާއާ ދެކޮޅަށް ތެދު އީރާނުން ހަނގުރާމަ ކުރަމުންދާކަމީ އިޙުތިރާމު ކުރާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.