މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑި ސްޕޯޓްސް ކުލަބުގައި ތިބީ، ކުލަބުގެ ފަހުރަށްޓަކައި ކުޅޭ ކުޅުންތެރިންތަކެއް ކަމަށް އެކުލަބުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޝިފާޒް ވިދާޅުވެއްޖެއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ޓީމެއް ބިނާކޮށް އޮޑި ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މުބާރާތަކީ ދިވެހި ޕްރިމިއާ ލީގެވެ. ލީގުގައި އެކުލަބުން ވަނީ 12 މޮޅާއެކު ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ. މުބާރާތުގައި 40 ގޯލު ކާމިޔާބުކުރިއެވެ. ލީގު ނިންމާލީ 08 ކްލީން ޝީޓާއެކުގައެވެ. ފައިނަލްގައި މާޒިޔާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ ރަނަރަޕް ޓީމުގެ ގޮތުގައި ލީގު ނިންމާލީ 2 ވަނައިގައެވެ.
އެ ތަޖުރިބާގެ އަލީގައި މާޒިޔާއާއި ދެކޮޅަށް ނިކުމެ އޮޑިން ވަނީ ގައުމީ ފުޓްބޯޅަ މުބާރާތް، ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. ކުލަބުގެ މިސީޒަނުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ޝިފާޒް ބުނީ އެކުލަބުގެ ކާމިޔާބީގައި ކުޅުންތެރިންގެ އާއިލާތަކުގެ ހިއްސާވެސް ބޮޑުކަމަށެވެ.
"މީ ހަމަ ވަރަށް ބުރަ މަސައްކަތް، ހަޤީގަތުގައި މީ ހަމަ ކުލަބުގެ ބޯޑު ކުލަބުގެ މެންބަރުން އަދި ކުލަބުގެ ކުޅުންތެރިންނާއެކު ކޯޗުން އަދި އޮފިޝަލުން ކުރި ވަރަށް ބުރަ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ޓީމުގައި ތިބި ހަމަ ކޮންމެ ކުޅުންތެރިއެއްވެސް ކުޅެނީ ކުލަބަށްޓަކައި" ޝިފާޒް ވިދާޅުވިއެވެ.
އޮޑިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރީ 1-1 އިން މެޗު އެއްވަރުވެ، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުންނެވެ. ކުޅުންތެރިން ފާހަގަކޮށްފައިވާ ގޮތުގައި އޮޑިއަށް ލިބުނު ކާމިޔާބީއަކީ ޓީމުގެ މެނޭޖުމެންޓުން ދިން އެއްބާރުލުމާއި ސަޕޯޓަރުން ދިން ހިތްވަރުގެ ސަބަބުން ހޯދުނު ކާމިޔާބީއެކެވެ.
އޮޑީގެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޒުވާން ތަރި އަހުޒަމް ރަޝީދު، އިބްރާހީމް ވަހީދު، ގޯލް ކީޕަރު މުހައްމަދު ޝަފީއު، މުހައްމަދު ރަޝީދު (ހޮކޭ) ހުސެއިން ނިހާން (ނިހާޓް) އަދި މުޒުދާން ހަސަން އަބްދުﷲ ލޫތް އިބްރާހިމް އަދި ބިދޭސީ ކުޅުންތެރިން ހިމެނެއެވެ.
އޮޑިން މިހާރު ތައްޔާރުވަމުން އަންނަނީ އެފްއޭ ކަޕަށެވެ. އެ މުބާރާތް އޮންނާނީ 10-18 އޭޕްރީލުގެ ނިޔަލަށެވެ. އޮޑިން ފުރަތަމަ ކުޅެން ޖެހޭނީ މުބާރާތުގެ ދެވަނަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް 10 އޭޕްރީލްގައެވެ.
ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު އެފްއޭކަޕް އެނބުރި އަންނައިރު ވާދަކުރާނީ 8 ކުލަބަކުންނެވެ. އެއީ އޮޑި ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، ބުރު ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ބުލޫސް ސްޕޯޓް އަދި އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.
އެންމެ ފަހުން ބޭއްވި އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލްގައި 2-0 ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން މާޒިޔާއިންނެވެ. ވެލެންސިއާ މިހާރުވަނީ 2 ވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ.