ކުޅިވަރު

"ކުޅިވަރު އެންމެނަށް" މިފަހަރު ފުވައްމުލަކުގައި


"ކުޅިވަރު އެންމެނަށް" މި ކޭމްޕަށް ފުވައްމުލަކުން ލިބެމުން އަންނަ ތަރުޙީބަކީ ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް ކަމަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ޢަބްދުލް މުޙުސިން ޙަމީދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ ހަތަކުން އަށަކަށް ފުވައްމުލަކުގައި ބޭއްވުމަށް ނިންމާފައިވާ ޔޫތު ކޭމްޕަށް ފުވައްމުލަކުގެ ކައުންސިލްތަކުން ވަރަށް ރަނގަޅު އިޖާބައެއް ދެއްވާފައިވާ ކަމަށާއި ތައްޔާރީތައް މިހާރުވެސް ކުރިޔަށްދާ ކަމަށް ޢަބްދުލް މުހުސިން ވިދާޅުވިއެވެ.

ސްޕޯތްސްފޯ އޯލް ނުވަތަ "ކުޅިވަރު އެންމެނަށް" މި ޝިޢާރުގެ ދަށުން ކުރިޔަށްގެންދާ ކުޅިވަރު ކޭމްޕަކީ ޒުވާނުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ޚާއްސަ ޙަރަކާތެކެވެ. ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށް ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ހިމަނައިގެން ކުރިޔަށްގެންދާ މިކޭމްޕްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. 2001ވަނަ އަހަރުފެށި މި ކޭމްޕް 2012ވަނަ އަހަރުވަނީ މެދުކަނޑާލާފައެވެ. އުއްމީދަކީ ހަތަރު އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު އަލުންފަށާ މިކޭމްޕް ކާމިޔާބުކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިއުން ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ. މިފަހަރުގެ ޔޫތު ކޭމްޕަށް ފުވަމުލަކަށް މިނިސްޓްރީގެ އެޑްވާންސް ޓީމް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.