މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގައި އިސްލާމިކް ބޭންކިން ނިޒާމު މުޅިން އަލަށް ތައާރަފުކޮށް، ޒަމާނީ ޓެކްނޯލޮޖީއާ އެއް ހަމައެއްގައި އެ ހިދުމަތްތައް ތަރައްގީކޮށް ކުރިއަރުވަމުން ގެންދާތާ މިއަދަށް މިވީ 15 އަހަރެވެ.
ރާއްޖޭގައި ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭންކުގެ ގޮތުގައި އެމްއައިބީން 2011 ވަނަ އަހަރު ފެށި ދަތުރު ފެށީ ސާފު އަމާޒަކާ އެކުގައެވެ. އެއީ، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތައް ބޭންކިން ހައްލުތަކެއް ތައާރަފުކޮށް އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މިގޮތުން އެމްއައިބީއަށް ކަސްޓަމަރުން ކުރި އިތުބާރާއި، ބޭންކުން ކަސްޓަމަރުންގެ އަޑު އަހައި، އެއާ އެއްގޮތައް އެ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީން މިވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިވެރިންނާއި، ވިޔަފާރިތަކަށް އިތުބާރު ހިފޭ މާލީ ބައިވެރިއަކަށް ވެގެން ގޮސްފައެވެ.
ފައިސާ އޭޓީއެމްއާ، ފައިސާ ކާޑު އަދި ޕީއޯއެސްގެ ހިދުމަތްތަކާއެކު އެމްއައިބީން ފެށި މި ދަތުރު އިތުރަށް ފުރިހަމަވެގެން ދިޔައީ އިންޓަރނެޓް ބޭންކިން (ފައިސާނެޓް) އަދި މޮބައިލް ބޭންކިން (ފައިސާމޮބައިލް) ފަދަ ހިދުމަތްތައް ތައާރަފުކޮށް އެ ހިދުމަތްތައް ޒަމާނާ އެއްހަމަ ކުރުމަށް ފެށި މަސައްކަތުންނެވެ.
އެމްއައިބީ ހުޅުވިތާ މަދު އަހަރުތަކެއްގެ ތެރޭގައި ބޮޑެތި އާބާދީ އޮންނަ ތަންތަނުގައި އެމްއައިބީގެ ބްރާންޗުތައް ހުޅުވައި ހިދުމަތްތައް ދޭން ފެށުން ވެގެން ދިޔައީ އަތޮޅުތެރޭގައި މާލީ ގޮތުން ލިބޭ ފުރުސަތުތައް ހަރުދަނާވެ، ރައްޔިތުންނާ ގާތުން އެ ހިދުމަތްތައް ލިބުން ފަހިވެގެންދިޔަ ކަމަކަށެވެ. މީގެ އިތުރުން ވެސް 2019 ވަނަ އަހަރު އެމްއައިބީން ވަނީ ކާމިޔާބު އައިޕީއޯއަކަށް ފަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ލިސްޓުކޮށް ތާރީހީ އިތުރު ހަރުފަތެއް ގިރާކޮށްފައެވެ.
މީގެ އިތުރުން ވެސް ފާއިތުވި އަހަރުތަކުގައި އެމްއައިބީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ ހަރުދަނާކޮށް އެ ކަންކަން ހާސިލުކުރާ ދުވެލި ވަނީ އެތައް ގުނައަކުން ހަލުއިކޮށްފައެވެ. ވަގުތުން އެމްއައިބީ އެކައުންޓް ހުޅުވުމުން ފެށިގެން ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ ޖަމާކުރުމާ ހަމަޔައް ވެސް ގޭގައި ތިބެގެން އެމްއައިބީގެ ހިދުމަތްތައް ހޯދާލެވޭ ވަރަށް އެ ބޭންކުގެ ހިދުމަތްތައް ވަނީ ކުރިއަރާފައެވެ. މީގެ ތެރޭގައި އިންސްޓަންޓް އެކައުންޓް އޯޕަނިންނާއި، ފުލީ ޑިޖިޓަލް ބިޒްނަސް އެކައުންޓް އޯޕަނިންނާއި، ފައިސާ މޯބައިލް އެކްސްއާއި، އެޕްލައި ނައު އަދި އުޖާލާނައު ޕޯޓަލް ހިމެނެއެވެ.
އެމްއައިބީގެ އިތުރު ކާމިޔާބީތަކަށްބަލާއިރު އެ ބޭންކުން ވަނީ ވިސާ ޑެބިޓް، ވިސާ ޕްލެޓިނަމް، ވިސާ ބިޒްނަސް ޑެބިޓް، އަދި ސަޕްލިމެންޓަރީ ކާޑުގެ ހިދުމަތް ތައާރަފުކޮށް، އެމްއައިބީ ގްލޯބަލް ޕޭ މެދުވެރިކޮށް އީ-ކޮމާސް ކުރިއަރުވައި ދުނިޔޭގެ ކޮންމެ ތާކުންވެސް ހިދުމަތް ލިބިގަތުމުގެ މަގު ކަސްޓަމަރުންނަށް ފަހި ކޮއްދީފައެވެ.
ހަމަމިއާއެކު އިންކްލޫސިވް އަދި ސަސްޓެއިނަބަލް ފައިނޭންސްގެ އެންމެ ކުރީސަފުގައި ފައިތިލަ ސާބިތުކޮށްލުމާއެކު އެމްއައިބީން ވަނީ ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކަށް ކުޑަ އަގެއްގައި ފައިނޭންސިން ތައާރަފުކޮފައެވެ. އަދި ޙައްޖު ސޭވިންގްސް އެކައުންޓާއި، 18 އަހަރުން ދަށުގެ ކުދިންނަށް ބީންގާ އެކައުންޓް ޕޯޓްފޯލިއޯ ތައާރަފްކޮއްފައިވެއެވެ. މީގެ އިތުރުން ވެސް އެމްއައިބީ އެކައުންޓަށް މުސާރާ ޖަމާކޮށްގެން މިބް9 ކްލަބްގެ މެންބަރަކަށްވެ ޑިސްކައުންޓްތަކާއި އެކްސްލޫސިވް އޮފަރތަށް ލިބުމުގެ ފުރުސަތު އެމްއައިބީން ފަހިކޮށްދީފައިވެއެވެ.
އެމްއައިބީން ތައާރަފުކޮށްފައިވާ މަގުބޫލު ބައެއް އިތުރު ޕްރޮޑަކްޓްތަކަށް ބަލާއިރު ފައިސާ ވެއަރ ރިންގާއި، ޓެގާއި، އުޖާލާ ފައިނޭންސިންގެ އިތުރުން ބިންގާ ކާޑު މިއީ ވަރަށް ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތަކެވެ. މިއިން ކޮންމެ ޕްރޮޑަކްޓަކީވެސް އޭގެ ޒާތުގައި ވަރަށް ތަފާތު ޕްރޮޑަކްޓްތަކެވެ. ހާއްސަކޮށް ފައިސާ ވެއަރ ޕްރޮޑަކްޓްތަކަކީ ކޮންވީނިއެންޓް އަދި ބޭނުންކޮއްލަން އެހާމެ ފަސޭހަ ޕްރޮޑަކްޓްތަކެކެވެ.
މިކަންކަމުން ދޭހަވަނީ ވޭތުވެދިޔަ 15 އަހަރެކޭ އެއްގޮތައް ކުރިޔަށް އޮތް މުސްތަގްބަލުގައިވެސް އެމްއައިބީން މަސައްކަތްކުރާނީ ކަސްޓަމަރުންގެ އަޑު އަހައި އެއާ އެއްގޮތައް ހިދުމަތް ބައްޓަންކޮއްގެން ކުރިޔަށްދިޔުމަށް ކަމަށް އެބޭންކުން ބުނެއެވެ. އެމްއައިބީގެ ކާމިޔާބީގެ އަސްލަކީ އެ ބޭންކުގެ ކަސްޓަމަރުންނެވެ. އެންމެ 10 މިލިއަން ޑޮލަރުން ފަށައި 1 ބިލިއަން ޑޮލަރަށް 15 އަހަރުތެރޭ ބޭންކު ފުޅާވުމަކީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވުން ހައްގު ކާމިޔާބީއެކެވެ.