ގައުމީ ޓީމުތަކުގެ އޮފިޝަލުންނާއި އެތުލީޓުންގެ މުސާރަތައް ބޮޑުކުރުމަކީ ސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ކުޅިވަރުގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ ރައީސް އަހުމަދު އިޝްފާން (އިއްޕަ) ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުން އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުންދިޔަ ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފެއްޓެވިކަން ސަރުކާރުން އިއުލާނު ކުރެއްވީ 5 ފެބުރުއަރީގައެވެ.
ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާއިރު މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއައި ވާހަކަ ދައްކަމުން އިޝްފާން ބުނީ މިއީ ކުރީގެ ކުޅުންތެރިންނަށް ލިބުނު ހިދުމަތްތަކެއް ނޫންކަމަށެވެ.
އަދި މީގެ ކުރިން ކުޅުންތެރިންނަށް އަނިޔާވާ ހާލަތްތަކުގައި ފަރުވާގެ ކަންކަން ހަމަޖައްސަން ޖެހުނީ އުނދަގޫ ގޮތަކަށް ކަމަށާއި، އެކަމުގެ ސަބަބުން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ގިނަ ދުވަސްތަކަށް ކުޅުމާއި ދުރުގައިވެސް ތިބެން ޖެހުނު ކަމަށެވެ.
އެހެންނަމަވެސް ގައުމީ ޓީމުތަކަށް ހެލްތް އިންޝިއުރެންސް ލިބޭނެ އިންތިޒާމު މިއަދު ފަހިވެފައި އޮތުމަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބަޔަކަށް ލިބޭ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ކުޅުންތެރިންގެ މުސާރަތައް އެއްހަމަ ކުރެވި އޮފިޝަލުންވެސް ހިމެނޭ ގޮތަށް 7000 ރުފިޔާއަށް މިސަރުކާރުން މުސާރަތައް ބޮޑުކޮށްދިނުމަކީ ވަރަށް ރަނގަޅު ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މެޑިކަލް އިންޝުއަރެންސް، އޭގެ އިތުރަށް ހަމަ ސެލަރީ ބޮޑުވީ، ބޮޑުވި އިރު މި ބޮޑުވީ އޮފިޝަލުންނާވެސް އެކީގައި. އެއީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބަޔަކަށް 7000 ރުފިޔާގެ އެލަވަންސެއް ލިބުން އެއީ ވަރަށް ބޮޑު ރަނގަޅެއް ހަގީގަތުގައި. އެހެންވީމަ ވާހަކައަކީ އުޖާލާކޮށް ފެންނަނީ ރާއްޖޭގެ ކުޅިވަރު" އިޝްފާން ވިދާޅުވިއެވެ.
ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ގައުމީ ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާކުރުމަށް ހާއްސަ އިންޝިއުރެންސެއް ހަމަޖެހިފައެއް ނޯވެއެވެ. އަދި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ކުރިން ދެމުން އައީ 5000 ރުފިޔާގެ އެލަވަންސެކެވެ.
މީގެ ކުރިން މުސާރަ ދެމުން އައީ ބައެއް ކުޅިވަރުތަކުގެ އަންހެން ކުޅުންތެރިންނާއި އޮފިޝަލުން ނުހިމަނައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ސަރުކާރުން ގެނައި ބަދަލާއެކު އަންހެން އެތުލީޓުންނާއި އޮފިޝަލުންނަށް މިހާރު މުސާރައިގެ ގޮތުގައި 7000 ރުފިޔާ ލިބޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.