ޚަބަރު

ލުބްނާނުގެ 300 މީހުން ޝަހީދުވެއްޖެ، ޙިޒްބުﷲގެ ޙަމަލާތައް ވަރުގަދަ


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ލުބްނާނާ ހަމައަށް ވެސް ފެތުރިފައިވާއިރު، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 300އާ ގާތްވެއްޖެއެވެ.

ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ އިން ޔަހޫދީނަށް ޙަމަލާދޭން ފެށީ، ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ޙަމަލާދީ، އެ ޤައުމުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

ޙިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީން ދަނީ ލުބްނާންގެ ވެރިރަށް ބެއިރޫތާއި ވަށައިގެންވާ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް 300 އެއްހާ މީހުން ޝަހީދުވެ، 1،000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު ވެސް 100،000އަށް ވުރެ މައްޗަށް މިހާރު ވަނީ ގޮސްފައެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ވެރިރަށް ބެއިރޫތާއި އިރުމަތީގެ ގިނަ ސަރަޙައްދުތަކުގެ ޢިމާރާތްތަކަށާއި މަގުތަކާއި އެއްގަމު އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ޙިޒްބުﷲއިން ޔަހޫދީންނަށް ދޭ ޙަމަލާތައް ނުހުއްޓުވާނަމަ، ލުބްނާނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ އިންޒާރު، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބްނާންގެ ސަރުކާރަށް ދީފައެވެ.

މިގޮތުން، 2024ވަނަ އަހަރު އެއްބަސްވެފައިވާ ގޮތަށް، ޙިޒްބުﷲގެ އަތުން ހަތިޔާރު އަތުލުމަކީ ލުބްނާނުގެ ސަރުކާރުގެ ޒިންމާއެއްކަން ނަތަންޔާހޫ ވަނީ ހަނދާކޮށްދީފައެވެ.

ވައިގެ ޙަމަލާތައް ދިނުމުގެ އިތުރުން، ލުބްނާންގެ އިރުމަތީގައި އޮންނަ ބިޤާޢު ވާދީއަށް އެއްގަމުން ވަދެގަންނަން ވެސް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން އަދި މިހާތަނަށް ކާމިޔާބުވެފައިނުވަނީ، ޙިޒްބުﷲގެ މުޖާހިދުން ޔަހޫދީންގެ ފައުޖުތަކާ ކުރިމަތިލަމުންދާތީކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ޙިޒްބުﷲގެ އިތުރުން ލުބްނާނުގައި އުޅޭ އީރާނު ސަރުކާރުގެ އިސް އޮފިޝަލުން ޝަހީދުކޮށްލާނެކަމުގެ އިންްޒާރު ވެސް ޔަހޫދީން ވަނީ ދީފައެވެ. އެއާ އެކު، ލުބްނާނުގައި ހުންނަ އީރާނުގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މީހުން ޢާއިލާތައް ހިމެނޭ ގޮތަށް، 150 އެއްހާ އީރާނުގެ ރައްޔިތުން އިއްޔެގެ ވަގުތެއްގައި ވަނީ ލުބްނާނުން ނެރެފައެވެ.