ދުނިޔެ

ގުލެންއަށް ޙިމާޔަތްދިނުން ހުއްޓާލުމަށް އަނެއްކާވެސް ގޮވާލައިފި


ތުރުކީވިލާތުގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތް ވިލަރެސްކުރިކަމަށް އެ ޤައުމުން ތުހުމަތުކުރާ ފަތުޙުﷲ ގުލެންއަށް ޙިމާޔަތްދިނުން ހުއްޓާލުމަށް އެ ޤައުމުން އަނެއްކާވެސް އެމެރިކާއަށް ގޮވާލައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވީ، އެ ޤައުމުން ޓެރަރިސްޓެއްގެ ގޮތުގައި ބަލާ މީހަކަށް އެމެރިކާއިން ޙިމާޔަތްދިނުމަކީ އެއްވެސް ވަރަކަށް ޤަބޫލް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި، ފަތުޙުﷲ ގުލެންއަކީ ޓެރަރިސްޓުންގެ ޖަމާޢަތެއްގެ އިސް ލީޑަރެއްކަމަށް އެ ޤައުމުން ބުނާ ބުނުން އުރްދުޣާންވަނީ ތަކުރާރު ކުރައްވާފައެވެ. އުރްދުޣާން އިތުރަށް ވިދާޅުވީ، ގުލެންއަށް ވަފާތެރި ހަތިޔާރު އެޅި ޖަމާޢަތްތަކުން އެ ޤައުމުގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި، އެ ޤައުމުގެ ޞުލްޙަނަގާލާ، ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ގުލެން ސިއްރިޔާތުގައި މަސައްކަތް ކުރަމުންދާކަމަށެވެ.

ތުރުކީވިލާތުގައި ޖުލައިމަހު ހިންގި ނާކާމިޔާބު ބަޣާވާތާއި ގުޅިގެން އެ ޤައުމުންވަނީ، ބަޣާވާތުގައި ބައިވެރިވި، އަދި، ބަޣާވާތް ރާވާ ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި މަޤާމުން ވަކިކޮށް، ނުވަތަ ސަސްޕެންޑްކޮށްފައިވާ 100،000 ސިފައިންނާއި، ފުލުހުން އަދި ސަރުކާރު މުވައްޒަފުން ހިމެނެއެވެ. މީގެ ތެރެއިން 40،000 މީހުން މިހާރުވެސް ތިބީ ހައްޔަރުކޮށްފައެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގެ ސަރަޙައްދުތަކުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވީ، މި އޮޕަރޭޝަންގެ ޢަމާޒަކީ، ދެ ޤައުމުގެ ސަރަޙައްދީ އިން ގުޅޭ ހިސާބުގެ ރަށްތައް ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތްތަކާއި، އައިއެސް ޖަމާޢަތުގެ އަތްދަށަށްދިޔަ ނުދިނުންކަމަށެވެ. އަދި، ސޫރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ނިމުމެއް އަންނާނީ، އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތަކީ އަސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އިދިކޮޅު ޖަމާޢަތްތަކަށް އެކި ގޮތްގޮތުން ވާގިވެރިވެދޭ ޤައުމެކެވެ. އަދި މީގެ އިތުރުން، އެޤައުމުން ދަނީ ސޫރިޔާގެ 2.7 މިލިއަން ރެފިޔުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.