ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމް.ޑީ.ޕީން ބައިވެރިވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް އެޕާޓީން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެމް.ޑީ.ޕީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން ޢަލީ ނިޔާޒް ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކާމިޔާބުކުރުމަށް އެމްޑީޕީން މަސައްކަތްކުރާނީ އެޕާޓީން މިހާރު އިއްތިޙާދުވެގެން މަސަކަތްކުރާ ޔުނައިޓެޑް އޮޕޮޒިޝަނާ އެކުގައިކަމަށެވެ. އަދި މިފަހަރުވެސް ފޯރިއާއެކު އިންތިޚާބުގައި ބައިވެރިވެ، ބޮޑު އަޣުލަބިއްޔަތަކުން އެމް.ޑީ.ޕީ.އާއި އެޕާޓީ ހިމެނޭ އިއްތިޙާދުން ކާމިޔާބު ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވަނީ ޕާޓީތަކަށް ދައުލަތުން ދޫކުރައްވާ ފައިސާ މިހާތަނަށްވެސް ޕާޓީތަކާ ޙަވާލުކުރައްވާފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިދިޔަ ހަފްތާގައި ޕީ.އެސް.އެމް އަށް މަޢުލޫމާތު ދެއްވަމަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ، ޕާޓީތަކަށް ފައިސާ ދޫކުރުމަށް ކުރިން ހުރަސްތަކެއް ހުރިނަމަވެސް މިހާރު އެކަމުގެ އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށް ކުރައްވަންޖެހޭ ތައްޔާރީތަށް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.
އެމް.ޑީ.ޕީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމާއި، ޕްރައިމަރީއަށް ހުޅުވާލާން ތައްޔާރުވެފައިވާ ކަމަށް ބުނެފައި މިވަނީ، އިއްޔެ އެޕާޓީގެ އިސް ބައެއް މަޤާމުތަކުގައި ކުރިންތިބި ބައެއް ފަރާތަތަކުން އިސްވެ ޕާޓީގެ ކަންކަން ހަރުދަނާކުރުމަށް ނުކުތްކަމަށް ވިދާޅުވެފައިވަނިކޮށެވެ.