ޚަބަރު

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑްކުރުމަށް ގޮވާލައިފި!


ބައިނަލްއަޤްވާމީ މުޖުތަމައަށް ދިވެހިރާއްޖޭގެ މަސްރަޙާމެދު ނުބައި ތަޞައްވުރެއް ދެއްކުމަށް ދިވެހިންގެ ބަޔަކާއި ދިވެހިރާއްޖެއަށް ގޯނަކުރާ ބޭރުގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމަށާއި، ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި މީޑިއާތައް މެދުވެރިކޮށް ރާއްޖެއާމެދު ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެފަދަ ފަރާތްތަކުން ރާއްޖެއާމެދު ދައްކަމުންދާ ޙަޤީޤަތެއް ނެތް ވާހަކަތައް ހިމަނައިގެން ކޮމަންވެލްތް ހިއުމަންރައިޓްސް އިނީޝިއޭޓިވް (ސީ.އެޗް.އާރ.އައި) ނަމަކަށް ކިޔާ، ކޮމަންވެލްތުގެ ގުނަވަނެއްކަމުގައި ނުހިމެނޭ އަމިއްލަ ޖަމްޢިއްޔާއަކުން ކޮމަންވެލްތުގެ މިނިސްޓީލިއަލް އެކްޝަން ގްރޫޕަށް ހުށައެޅިކަމަށް ބުނާ ލިޔެކިއުމުގައި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑްކޮށް އެޖަމްޢިއްޔާގެ ހުރިހާ ޖަލްސާތަކާއި އެއްވުންތަކުން ދިވެހިރާއްޖެ އުނިކުރުމަށް ވަނީ ގޮވާލާފައެވެ. އެހެންކަމުން ކޮމަންވެލްތް ހިއުމަންރައިޓްސް އިނީޝިއޭޓިވްއިން ރާއްޖެ ކޮމަންވެލްތުން ސަސްޕެންޑް ކުރުމަށް ގޮވާލައި ސީމެގަށް ހުށައެޅި މި ލިޔެކިއުމަކީ، އަމިއްލަ އެހެން ޖަމްޢިޔާއަކުން ހުށަހަޅާ ހުށަހެޅުމަކާ ތަފާތު ވަކި ޚާއްޞަ ބުރަދަނެއް ލިބިގެންވާ ލިޔެކިއުމެއް ނޫނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތު އިސްނުކުރާ ފަރާތްތަކުން ރާއްޖެއާމެދު ދައްކަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެޖަމްޢިއްޔާއިން ކޮމަންވެލްތަށް ހުށައެޅި ލިޔުމުގައި ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކާ ބައްދަލުކޮށް، މައުލޫމާތު ހޯދާފައި ނުވާކަމަށް، އެ ޖަމްޢިއްޔާއިން އަމިއްލައަށް ބަޔާންކޮށްފައިވާކަމީ އެލިޔުމުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށް އެޖަމްޢިއްޔާވެސް ތައްޔާރު ނޫންކަން އެނގޭކަމެކެވެ. އިދިކޮޅު ސިޔާސީ އިއްތިޙާދެއްކަމަށް ބުނާ ފަރާތަކަށް ބުރަވާފަދަ ޢިބާރާތަކުން އެޖަމްޢިއްޔާއިން ސީމެގަށް ހުށައެޅިކަމަށް ބުނާ ވާހަކަތަކެއް މިލިޔުމުގައި ހިމެނެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކޮށް ޓުވިޓާގައި ޝުޢޫރުފާޅުކޮށްފައިވާ ފަރާތްތަކުގެ ޓުވީޓްތައްވެސް އެޖަމްޢިއްޔާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ރީޓްވީޓް ކޮށްފައިވާކަން ފާހަކަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ބަޔަކަށް ތާއީދުކޮށް ޢާންމުކުރާ މިފަދަ ލިޔެކިއުންތަކުގެ ސަބަބުން އެފަރާތްތަކުން ރާއްޖެއާމެދު ނުވަތަ ދިވެހި ރައްޔިތުންނާމެދު ހެޔޮނިޔަތެއް އިޚްލާޞްތެރިކަމެއް އޮތްކަމާމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެބައޮތެވެ.

ދިވެހިރާއްޖޭގެ ދިމުޤުރާތީ ނިޒާމް ހަރުދަނާކުރައްވައި ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށާއި، އިޤްތިޞާދީ ކުރިއެރުން ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްވެއޮވެ ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި ޤާނޫނީ އެތައް ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައި އެޖަމިއްޔާއިން ސީމެގަށް ހުށައެޅިކަމަށް ބުނާ ލިޔުމުގައި ވަނީ މިހުރިހައި ކަމަކަށް ގޮންޖަހައި، ދިވެހި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލިފައިވާކަމަށް ހެއްކަކާ ނުލައި ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މިނިވަން ޖުޑީޝަރީއަށް ފާޑުކިޔައި ޝަރުއީ ދާއިރާއާމެދު ދިވެހިރައްޔިތުން ކުރާ އިތުބާރު ފުނޑުފުނޑުކޮށްލައި ފިތުނަ ފަސާދައިގެ ތެރެއަށް ރާއްޖެ ވެއްޓިދާނެފަދަގޮތަކަށް މަދު ބައެއް މީހުން ދައްކަމުންދާ ވާހަކަތައް ހަމަ އެފަދަ ޢިބާރާތަކުން މިލިޔުމުގައި ހިމަނާފައިވެއެވެ. އަދ މިނިވަން ޝަރީޢަތްތަކަށްފަހު އެކިއެކި ޖިނާޢީ ކުށްތައް ސާބިތުވެފައިވާ އަދި ކުރިން ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގެންނެވި ބޭބޭފުޅުންނަށް ސަރުކާރުން މަޢާފްދެއްވާފައި ނުވާކަން އެޖަމްޢިއްޔާއިން ސީމެގަށް ހުށައެޅި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ނުރައްކާތެރި ބޮޑެތި ކުށްތައް ސާބިތުވެފައިވާ ކުށްވެރިން މިނިވަންކުރުމަކީ ދިވެހިރާއްޖޭގެ ދުސްތޫރާއި، ޖިނާޢީ ޢަދުލުގެ ނިޒާމާއި، މުޅި ރާއްޖޭގެ އިޖްތިމާއީ ނިޒާމާ ޚިލާފުކަމެކެވެ. ކުށްވެރިންނަށް މަޢާފްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތްކަމެއް ނަމަވެސް އެކަންކުރުމަށް ޤާނޫނުން ވަކި އުސޫލުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. ޤާނޫނާ ޤަވާއިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެއްވެސް ކުށްވެރިޔަކު ދިވެހިރާއްޖޭގެ ޖަލެއްގައި ނުހުންނާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމީ ދިވެހިރައްޔިތުންނަށް މިކަމުގައި ލިބިގެންދާ ކަށަވަރުކަމެކެވެ.